ޖުޒާމު ބަލި ނުވަތަ "ލެޕްރަސީ" އަކީ ބެކްޓީރިޔާ އަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. ކުރިން ބަލިމީހާ މުޖުތަމަޢުން އެކަހެރިކުރެވޭ ބައްޔެއްގެ ގޮތުގައި ބެލެވިފައިވާ ޖުޒާމު ބައްޔަކީ މިއަދު އެބަލި ޖެހުނު ނަމަވެސް އާއިލާއާއެކު މުޖުތަމަޢުގައި ދިރިއުޅެވޭ، 6 މަހާއި 2 އަހަރުގެ ފަރުވާއިން މުޅިން ފަސޭހަކުރެވޭ ބައްޔެކެވެ. މިއީ ގައިންގަޔަށްއަރާ ބަލިތަކުގެ ތެރެއިން ޖެހުން ދުރު ބައްޔެކެވެ. ޖުޒާމު ބައްޔަކީ ހަމަށާއި، ނާރުތަކަށް ، އަނގަ ލޯ، ނޭފަތުގައިވާ ތެތް ދުލިފަށަލަތައް، އަދި އެތެރެހަށީގެ ބައެއް ގުނަވަންތަކަށް ޖެހޭ ބައްޔެކެވެ.
ޖުޒާމު ބަލީގެ ސަބަބުން މިދެންނެވި ބައިތައް ހަލާކުވެގެން ދިއުމަކީ ވެދާނެ ކަމެކެވެ. އަދި މީހާގެ ހަށިގަނޑުގައި އެކަމުގެ ސަބަބުން ޢައިބާއި ނުކުޅެދުންތެރިކަން އުފައްދައިދޭ ކަމެކެވެ. މިއީ ވާރުތަކުރާ ބައްޔެއް ނޫނެވެ. އަދި ކުޑަކުދިންނަށް ޖެހުމުގެ ފުރުޞަތު ބޮޑު ނަމަވެސް މައިގަނޑު ގޮތެއްގައި ޖުޒާމު ބަލި ގިނަމީހުންނަށް ޖެހެނީ އުމުރުން 40-15 އަހަރާއި ދެމެދުގައެވެ.
ބަލީގެ މައިގަނޑު ނިޝާންތައް
- ބީހުން،ފިތުން، ތަދު، ހޫނު އިހްސާސްވުމަށް ނުކުޅެދުން
- އަތްފައިގެ ނާރުތައް ދުޅަވެ، ބީހުމުން ތަދުވުން : އިހްސާސް ކެނޑުން، ވާގިނެތުން
- ބަލިޖެހިފައިވާ ހިސާބުގެ ހަމުން ނެގި ސްމިއަރ އިން ބަލީގެ ޖަރާސީމު ފެނުން
ޖުޒާމު ބައްޔާއި ގުޅިގެން ކުރިމަތިވާ އުދަނގޫތައް އެކަކު އަނެކަކާއި ތަފާތު ވެދާނެ އެވެ. މިކަން ބަރޯސާވަނީ ބަލި ޖައްސާ ޖަރާސީމާއި ދެކޮޅަށް އެމީހެއްގެ ދިފާޢީ ނިޒާމު މަސައްކަތްކުރާ ގޮތެއްގެ މައްޗަށެވެ. އާންމު އަލާމާތްތައް އާންމު ގޮތެއްގައި ޖުޒާމު ބެހިފައިވާ ބާވަތްތަކާއި ގުޅިގެން އެއް ބާވަތާއި އަނެއް ބާވަތުގައި ފެންނަން ހުންނަ އަލާމާތްތަކާއި ނިޝާންތައް ތަފާތުވާނެއެވެ.
އެގޮތުން އާންމުކޮށް ފެންނާނެ އަލާމާތްތަކާއި ނިޝާންތައް
- ފަތިކޮށް ނުވަތަ އުފުލިފައި ހުރި ތަނެއް ނުވަތަ ގޮށްގަނޑެއް ހަމުގައި ހުރުން : ވަށައިގެންވާ ހަމަށްވުރެ މިބައިގެ ކުލަ މަޑުވާނެ އެވެ. ބައެއް ފަހަރު އެތަނުގެ ކުލަ ރަތް ނުވަތަ ރަންވަން ލޯ ކުލައަކަށް ހުރެދާނެ އެވެ.
- ހަށިގަނޑުގެ ފިނި ހިސާބު ތަކުން ހަމުގައި އެކެއް ނުވަތަ އެއަށްވުރެ ގިނަ ހަމުގެ ލީޒަން ފެނުން : އެގޮތުން ފާހަގަ ކުރެވޭ ހިސާބުތަކަކީ މޫނު، ދެއަތާއި ދެފައި، ނޭފަތް، ލޯ، ކަންފަތުފޫޅު، އުރަވަޅި، އަދި ފިދުމަސްގަނޑެވެ.
- ދެއަތާއި ދެފައިގެ ހަމާއި ނާރުތައް ބޯވުން
- ހަމުގައި ފާރުކޮޅެއް ހެދުން
- އަތްފައިގެ ނާރުތަކަށް އަސަރުކުރުމުން އައްސިވެ އިހްސާސް ކެނޑުން
- އަތްފައިގެ ނާރުތަކަށް އަސަރުކުރުމުން އަތްފައިގެ މަސްތަކުގެ ބާރު ދޫވުން، އަދި އަތްފައިގެ އިގިލިތައް ފޭބުން
- އަޑުކުރަކިވުން
- ބަލީގެ އަސަރު އޮށަށް ކުރުމުން، ޖިންސީގޮތުން ނުކުޅެދި، ދަރިން ނުލިބުން
- ލޮލަށް ބަލީގެ އަސަރު ކުރުން : ލޮލުގައި ރިހުން، ލޯރަތްވުން، ލޯނުލެއްޕުން، ލޮލުގެ ހާމަ ދުލީގައި ފާރުހެދުން، އަދި ލޯއަނދިރިވުން ފަދަ ކަންތައްތައް ކުރިމަތި ވެއެވެ.
- އެސްފިޔަ ނުޖެހުމާއި، އެސްފިޔަތައް ފޭބުން
- ނޭފަތުގެ މަޑުކަށިގަނޑު ހަލާކުވުން

މިއީ ބޭސްކޮށްގެން މުޅިން ރަގަޅުކުރެވޭ ބައްޔެކެވެ. ގިނަ ބޭސް އެއްކޮށްގެން ދެވޭ ފަރުވާއިން ޖުޒާމު ބަލި މުޅިން ފަސޭހަ ވެއެވެ. ޖުޒާމު ބަލީގެ ފަރުވާގައި ދެވޭ ބޭސްތަކުގެ ތެރޭގައި ރިފެމްޕިސިން، ޑެޕްސޯން، އަދި ކްލޯފެޒިމިން ހިމެނެއެވެ. ޖުޒާމު ބަލިން ރައްކާތެރިކޮށްދޭނޭ ވެކްސިނެއް އަދި އުފައްދާފައެއް ނުވެއެވެ. ބަލީގެ މަޢުލޫމާތު އާންމުންނަށް އޮޅުން ފިލުވައިދީ، އެއްވެސް ކަހަލަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިއްމު ކަމެކެވެ. އަވަހަށް ފަރުވާ ފެށުމަކީ ބަލި އަވަހަށް ފަސޭހަ ކޮށްދޭނެ ކަމެކެވެ.
މަސްދަރު: ޞިއްޙަތާއި ހޭލުންތެރިކަން– ޖުޒާމު ބަލި– ލީފްލެޓް– ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު
އިންޓަނެޓުގައިވާ ބައެއް މެޑިކަލް ވެބްސައިޓްތައް


