ދަރިންގެ މެދުގައި ތަފާތުކުރުމާއި އަޅާކިޔުމަކީ ގިނަ މައިންބަފައިންނަށް އަންގައިގަތުމަކާ ނުލައި ކުރެވޭ ކަމެކެވެ. ގިނަ މައިންބަފައިން ޤަބޫލުކުރާ ގޮތުގައި އެމީހުން ދަރިންގެ މެދުގައި ތަފާތެއް ނުކުރެއެވެ.
އެއް ދަރިއެއްގެ ކުރިމަތީގައި އަނެއް ދަރިއަކަށް އިތުރަށް ތަޢުރީފުކޮށް އަޅާކިޔާ ހެދުމަކީ އެހެން ދަރިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ކުޑަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން، އެއް ދަރިއަކަށް އިތުރަށް އަޅާލާ ފަރުވާތެރިވާ ތަން އެހެން ދަރިންނަށް ފާހަގަކުރެވިއްޖެނަމަ، އެ ދަރިން އާއިލާއާ ދުރުވެ، ކެއިންބުއިން ފަދަ އަސާސީ ކަންކަމުން ވެސް އެކަހެރިވެދާނެއެވެ. މީގެ ނަތީޖާއަކަށް ވަނީ އެ ދަރިންގެ ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރުމެވެ.

ދަރިން ތަރުބިއްޔަތު ކުރުމުގައި ހަމަހަމަކަން މުހިންމު………..ފޮޓޯ:ފްލިކަރ
ހަމައެހެންމެ މިފަދަ މާޙައުލެއްގައި ބޮޑެތިވާ ދަރިން މައިންބަފައިންނާ ދުރުވެ، ބޮޑުމީހެއްގެ ގޮތުގައި އަމިއްލަ އާއިލާ ދެމެހެއްޓުމުގައި ވެސް އެތައް ގޮންޖެހުންތަކަކާ ކުރިމަތިވެއެވެ. މިކަމުގެ ސަބަބުން އަހަރަކު އެތައް ކުދިންނެއް އެންޒައިޓީ އަދި ޑިޕްރެޝަންގެ ޝިކާރައަކަށްވެއެވެ. އަދި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވެ، ތިމާއަކީ އަގުހުރި މީހެއް ނޫން ކަމަށް އިޙްސާސްކުރަން ފަށައެވެ.
ދަރިންގެ މެދުގައި ތަފާތުކުރުމާއި އަޅާކިޔުމަކީ މައިންބަފައިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމެކެވެ. މިކަމުގެ ސަބަބުން ދަރިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އަދި މުޅި އާއިލާގެ ގުޅުމަށްވެސް ނުރަނގަޅު އަސަރުތަކެއް ކުރެއެވެ. އެހެންކަމުން، ކޮންމެ ދަރިއެއްގެވެސް ތަފާތު ހުނަރުތަކާއި ޤާބިލިއްޔަތުތައް ފާހަގަކޮށް، ހަމަހަމަކަމާއެކު ލޯބިދީ އަޅާލުމަކީ ކޮންމެ މައިންބަފައިންނެއްގެވެސް ޒިންމާއެކެވެ.

ދަރިންގެ މެދުގައި ތަފާތު ކުރުމާއި އަޅާކިޔުން؛ ނޭނގި ވެވޭ އިހުމާލެއް………..ފޮޓޯ:ފްލިކަރ
ބައެއްފަހަރު ދަރިންގެ ސިފައަށް ނުވަތަ މިޒާޖު އަދި ހުނަރަށްވެސް ބަލާފައި ދަރިންގެ މެދުގައި ތަފާތުކުރާތަން ފެނެއެވެ. އަބަދުވެސް ކާމިޔާބު ދަރިފުޅު މިސާލަކަށް ދައްކައި، އެހެން ދަރިފުޅުގެ ނާޤާބިލުކަމުގެ ވާހަކަ މީސްމީހުންގެ ގާތުގައި ދެއްކުމަކީ ނޭނގި ނަމަވެސް ވަރަށް ގިނަ މައިންބަފައިންނަށް ހެދޭ ކުށެކެވެ. މީގެ ސަބަބުން އެތައް ކުދިންނެއް ޅައުމުރުގައި ކުށުގެ ވެށްޓަށް ދިއުމަށް މަގުފަހިވެއެވެ. އަދި ޑިޕްރެޝަން ފަދަ ނުރައްކާތެރި ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށްވެ، ފުރާނައަށް ނުރައްކާވާ ހިސާބަށްވެސް ގޮސްފައި އެބަހުއްޓެވެ.
ހަމައެހެންމެ މިފަދަ ތަފާތުކުރުންތަކުގެ ނަތީޖާއެއްގެ ގޮތުން އާއިލާ ތެރޭގައި މުޢާމަލާތް ކުރުން މަދުވެ، އެއް ދަރިއަކު އަނެއް ދަރިއަކާ ދެބަސްވެ އާއިލާ ރޫޅުމަށް މެދުވެރިވެއެވެ. ކުޑައިރު ދިމާވާ މިފަދަ ކަންކަމަކީ ބޮޑުވެ ޒަވާޖީ ޙަޔާތެއް ފަށާއިރުގައި ވެސް ގިނަ ދަރިންގެ ހިތުން ފިލުވާލަން ދަތި ތަޖުރިބާތަކެކެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ބައެއް ފަހަރު މައިންބަފައިން މުސްކުޅިވެ ގައިބާރު ދެރަވާ ދުވަހު އެ މައިންބަފައިން ބެލުމަށްވެސް ބައެއް ދަރިން އިންކާރުކުރާތަން ފެނެއެވެ.
މީގެ އިތުރުން، މިފަދަ ތަފާތުކުރުންތަކުގެ ނޭދެވޭ އަސަރުތައް ދިގު މުއްދަތަކަށް ދެމިގެންދާކަން ފާހަގަކުރެވެއެވެ. ކުޑައިރު ތަޖުރިބާކުރި މިފަދަ ތަފާތުކުރުންތަކުގެ ސަބަބުން، ބޮޑުވުމަށްފަހު އަމިއްލަ ދަރިންނަށް ވެސް އެފަދަ އިޙްސާސްތައް ފޯރުކޮށްދޭ މައިންބަފައިން ތިބިކަން ދިރާސާތަކުން ދައްކައެވެ. މިއީ ޖީލުތަކަކަށް ދެމިގެންދާ ނޭދެވޭ ވަބާއެކެވެ.
ދަރިންގެ މެދުގައި ތަފާތުކުރުން ގެންގުޅުމަކީ އިސްލާމްދީނުގެ ނަޒަރުގައި ވެސް ހުއްދަ ކަމަކަށް ނުވާއިރު، އެއީ ދުރުހެލިވާން ޖެހިފައިވާ ނުބައި އާދައެކެވެ. ކުޑަކުޑަ ކަމެއްގެ ގޮތުގައި ދެކި އިހުމާލުވެވޭ މިފަދަ ކަންކަމުގެ ސަބަބުން މާޒީގައި ވެސް ފެންނަން ހުރީ އެދެވޭ ނަތީޖާތަކެއް ނޫނެވެ.

މިފަދަ ތަފާތުކުރުންތަކުގެ ނޭދެވޭ އަސަރުތައް ދިގު މުއްދަތަކަށް ދެމިގެންދާކަން ފާހަގަކުރެވެއެވެ……….ފޮޓޯ:ފްލިކަރ
އިސްލާމްދީނުގައި ވެސް ދަރިންގެ މެދުގައި ތަފާތުކުރުމަކީ މަނާކަމެއްގެ ގޮތުގައި ބަޔާންކޮށްފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ: "ތިޔަބައިމީހުންގެ ދަރިންގެ މެދުގައި ޢަދުލުވެރިވާށެވެ! ތިޔަބައިމީހުންގެ ދަރިންގެ މެދުގައި ޢަދުލުވެރިވާށެވެ!" މިއިން އެނގިގެންދަނީ ދަރިންގެ މެދުގައި ހަމަހަމަކަން ގެންގުޅުމުގެ މުހިންމުކަމެވެ.
މިކަމުގެ ހައްލެއްގެ ގޮތުން، މައިންބަފައިން އަމިއްލަ އަމަލުތަކަށް ސަމާލުވެ، ކޮންމެ ދަރިއެއްގެ ވެސް ޚާއްޞަ ހުނަރުތަކާއި ސިފަތައް ވަކިވަކިން ފާހަގަކޮށް، އެއަށް ހިތްވަރުދިނުމަކީ މުހިންމު ކަމެކެވެ. ހަމައެހެންމެ، ކުދިން އެކަކު އަނެކަކާ އަޅާކިޔުމުގެ ބަދަލުގައި، ކޮންމެ ކުއްޖެއްގެ ވެސް އަމިއްލަ ކުރިއެރުމަށް އަހަންމިއްޔަތުކަން ދިނުމަކީ މުހިންމު ކަމެކެވެ.

ދަރިންގެ މެދުގައި ހަމަހަމަކޮށް ކަންކަން ކުރަމާތޯ……ފޮޓޯ:ފްލިކަރ
ދަރިންގެ މެދުގައި ތަފާތުކުރުމާއި އަޅާކިޔުމަކީ ވަރަށް ނުރައްކާތެރި އަދި ދުރު މުސްތަޤުބަލަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. މައިންބަފައިންނާއި ތަރުބަވީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން މިކަމަށް ސަމާލުވެ، ކޮންމެ ކުއްޖަކީ ވެސް ޚާއްޞަ އަދި އަގުހުރި ވަސީލަތެއްގެ ގޮތުގައި ދެކި، އެކުދިންގެ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތްކުރުމަކީ މުޖުތަމަޢުގެ ފުރިހަމަ ތަރައްޤީއަށް ކޮންމެހެން ބޭނުންވާ ކަމެކެވެ.
ވީމާ، މައިންބަފައިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނަންޖެހެނީ ހުރިހާ ދަރިންނަށް ހަމަހަމަ ކަމާއެކު މުޢާމަލާތްކޮށް، ކޮންމެ ދަރިއެއްގެވެސް ޤާބިލިއްޔަތާއި ހުނަރު ވަކިވަކިން ފާހަގަކޮށް، އެ ދަރިންގެ ކުރިއެރުމަށް މަސައްކަތްކުރުމެވެ. މިގޮތުން، ކޮންމެ ދަރިއަކަށްވެސް ހާއްސަ ސަމާލުކަމެއް ދީ، އެ ދަރިއެއްގެ ޝަޚްޞިއްޔަތު ބިނާކުރުމަށް އެހީތެރިވުމަކީ މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ދަރިންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ހަރުދަނާ އާއިލާއެއް ބިނާކުރުމަށް މަގުފަހިވެގެންދާނެއެވެ.

