ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ބޭއްވުނު ރަސްމީ ޖަލްސާއެއްގައި ކީރިތި ގުރުއާން ހިތުދަސްކުރި 28 ހާފިޒަކަށް "ރައީސުލްޖުމްހޫރިއްޔާގެ މެޑަލް" އާއި އިނާމު ދީފިއެވެ. މި މެޑަލް ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
މިއީ ކީރިތި ގުރުއާން ހިތު ދަސްކުރާ ހާފިޒުންގެ އަގު ވަޒަންކުރުމުގެ ގޮތުން "ރައީސުލްޖުމްހޫރިއްޔާގެ މެޑަލް" ގެ ނަމުގައި މެޑަލްއެއް ސަރުކާރުން ދޭން ފެށި ފުރަތަމަ ފަހަރެވެ. މި މެޑަލް ދޭން އެންމެ ފުރަތަމަ ފެށީ 2014 ވަނަ އަހަރުގެ ޖޫން 22 ވަނަ ދުވަހުއެވެ. އެ އަހަރު ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ރަސްމީ ޖަލްސާގައި ތިން ހާފިޒަކަށް މި މެޑަލް ދެވުނެވެ.

ގުރުއާން ހިތުދަސް ކުރުމާ ގުޅިގެން "ރައީސުލްޖުމްހޫރިއްޔާގެ މެޑަލް" ހާސިލް ކުރި ދިވެހިން. — ވަގުތު
2020 ވަނަ އަހަރު މި މެޑަލް ދިނުމުގެ އުސޫލުތަކަށް ބަދަލު ގެނެވުނެވެ. އޭރު ނިންމާފައިވަނީ 85 އިންސައްތަ މާކްސް ލިބިގެން އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ކޮންމެ އަހަރަކު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި މެޑަލް ދިނުމަށެވެ. އަދި ދެވަނަ އަދި ތިންވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ގުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި މި މެޑަލް ދިނުމަށެވެ.
ނަމަވެސް، މިއަހަރުން ފެށިގެން ދަރަޖަ ތަފާތުކުރުމެއް ނެތި ހުރިހާ ހާފިޒުންނަށް "ރައީސުލްޖުމްހޫރިއްޔާގެ މެޑަލް" ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. މި ނިންމުމުގެ މައިގަނޑު މަގުސދަކީ ކީރިތި ގުރުއާން އުނގެނުމަށާއި ހިތު ދަސްކުރުމަށް ބާރުއެޅުމާއި، ގުރުއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ސަރުކާރުން ވަޒަންކޮށް، އެކަން ހާއްސަ ގޮތެއްގައި ފާހަގަކުރުމެވެ.

