ބައެއް ފަހަރަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން، މުޅި ދިވެހި ދައުލަތަށް އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަހުރި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމިއްޔަތުގެ މަދަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، އިސްލާމްދީނުގެ ޖައުހަރަކީ ކީރިތި ޤުރްއާން ކަމަށާއި އެއީ މުސްލިމުންގެ ދުސްތޫރު ކަމަށެވެ.
އެންމެން ވެސް އެ ފޮތަށް އަމަލުކުރަންޖެހޭ ކަމަށާއި، އެ ފޮތާ އެއްގޮތަށް ދިރިއުޅެންޖެހޭ ކަމަށާއި، ކޮންމެ މީހަކު މަންމަގެ އުނގުން ފެށިގެން އެންމެ ފުރަތަމަ އުނގެނެނީ އެ މާތް ފޮތް ކަމަށާއި، އެ ފޮތް އެންމެންނަށް ދައްކަނީ އެއް މަގު ކަމަށް ރައީސް ވިދާޅުވިއެވެ.
އެއީ ހައްގުގެ މަގު. އެ ފޮތް އަޅުގަނޑުމެން އެންމެންނަށް ދަސްކޮށް ދެނީ އެގޮތަށް. އެއީ ކޮންމެ ކަމެއްގައި ވެސް އެންމެ ހެޔޮ ގޮތް.
ނަމަވެސް މީހުންގެ މުދަލަށާއި ޖާނަށް ގެއްލުންތައް ދެވެމުންދަނީ ކީއްވެތޯއާއި، މީހުންގެ އަބުރު ކަތިލަމުން، އާއިލީ ގުޅުންތަކަށް ވިހަލަމުންދަނީ ކީއްވެތޯއާއި، ކުޑަކުދީންގެ ކަރާމާތަށް ހުރުމަތްތެރިކޮށް ނުހިތެނީ ކީއްވެތޯ ރައީސް ސުވާލުކުރެއްވިއެވެ. އަދި އަމިއްލަ ބުއްދިފިލައިދާ ފަދަ އަމަލުވުންތަކާއި، އަމިއްލަ ގއުމު ހަލާކުވެދާ ފަދަ ބަދުއަޚްލާގީ އަމަލުތައް އާންމުވަމުންދަނީ ކީއްވެތޯއާއި، ދޮގާއި މަކަރާއި ހީލަތުން ބޮޑެތި ފަސާދަތައް އުފަންކުރުވަމުންދަނީ ކީއްވެތޯ ވެސް ރައީސް ސުވާލު ކުރެއްވިއެވެ.
މީގެއިތުރުން ފިތުނައިގެ އަލިފާނުން މުޅި ގއުމީ ފޭރާން އަޅިޔަށް ހަދާލާއިރު، އެއީ މިނިވަންކަމުގެ ހައްގު ކަމަށް ހީކުރެވެނީ ކީއްވެތޯ ވެސް އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.
މި ކަންކަމާ އިސްލާމްދީނާ ކުޑަ ވެސް ގުޅުމެއް ނެތެއް ނޫންތޯ ކަނޑައެޅިގެން ދީނާ ޚިލާފު ނޫންތޯ؟ މި ކަންކަމާ ގުޅިފައިވާ ހަމަލާތަކުގެ ސަބަބުން އޮހޮރެމުންދަނީ ކިތައް އާއިލާގެ ކަރުނަތޯ؟ މިއީ ކިތައް މުސްލިމު އަޚުން އުޚުތުންނެއްގެ ތަދާއި ލަދާއި ވޭނާއި ކެކުޅުންތޯ؟
މި ބާވަތުގެ ޖަރީމާތަކުގެ ތެރެއިން ހަމައެކަނި ދޮގުހެދުމާއި، ދޮގު ޚަބަރުފެތުރުމަށް ބަލައިލިޔަސް، އެ ދެއްކެނީ އަދުގެ ދިވެހި މުޖުތަމައުގައި މޫލައިފައި އޮތް ބޮޑު ހަލާކެއްގެ ވާހަކަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދޮގާއި، އާޑަފުރައްސާރަޔާއި، ނެތިނުބައިކިޔުމުގެ ބާޒާރުގައި، އެތައް ބަޔަކު އަވަދިނެތި އުޅެމުންދަނީ ލިބޭ ވަގުތީ ދުނިޔެވީ މަންފާއަކަށް ކަމަށެވެ. ކުޑަ ލާރިކޮޅަކަށް މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ހިންގޭއިރު، އެ ކުރެވެނީ ކިހާވަރެއްގެ ނުބައިކަމެއްކަން ވަޒަންކޮށްލުމުގެ ހެޔޮ ވިސްނުން ހަމަ ނާންނަނީތޯއާއި، އެއީ މުޖުތަމައުއަ ލެވޭ ކިހާވަރެއްގެ ނުބައި ޒަހަރެއްކަން އެ މީހުން ހަމަ ނުދަންނަނީތޯ ރައީސް ސުވާލު ކުރެއްވިއެވެ. އަދި ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ދީނީ، އަޚްލާގީ، އިޖުތިމާއީ މިންގަނޑުތައް ފުނޑުފުނޑުކޮށް، ފަނާކޮށްލަން ބައިވެރިވުމާއި، އެ ކަންކަމުން ނިކުންނާނެ ނުބައި ނަތީޖާ، އެފަދަ މީހުންނަށް ހަމަ ނުވިސްނެނީތޯ ވެސް ރައީސް ސުވާލު ކުރެއްވިއެވެ.
ރައީސް ވިދާޅުވީ މުޅި ގައުމުގެ އަޚްލާގީ ފޭރާން އިންދިރާސްކޮށްލުމަކީ ބޮޑު އިހާނަތެއް ކަމަށާއި ބޮޑު ޚިޔާނަތެއް ކަމަށެވެ. އަދި ދޮގު ވާހަކަތަކުގެ ސަބަބުން ލޮޅުންއެރީ އެތައް އާއިލީ ގުޅުމަށްތޯ ހުތުރު އަރާފައިވާ ކަމަށާއި ފުރައްސާރަތަކުގެ ސަބަބުން އެތައް ޚިދުމަތްތެރީންނެއް މާޔޫސްވެ، ދެބައޮޑުވުމާއި، ނެތިނުބައިކިޔުމުގެ ސަބަބުން، އެކުވެރި ރަޙްމަތްތެރިކަމުގެ އެތައް ގުޅުމެއް ރޫޅިގެންދިޔަކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
މިފަދަ ކޮންމެ ކަމަކުން އުފެދޭ ވޭނާއި ކެކުޅުން، އެތައް ޒަމާނަކަށް، އެތައް ޖީލަކަށް ދެމިގެންދޭ. ވަކިވަކި މީހުންނަށް ގެއްލުން ލިބޭ ފަދައިން، ވަކިވަކި އާއިލާތަކަށް ގެއްލުން ލިބޭ. އަދި ކީއްތޯ؟ ބައެއްފަހަރަށް ފަތުރާލާ ދޮގު ޚަބަރުތަކުގެ ސަބަބުން، މުޅި ދިވެހި ދައުލަތަށް، އޭގެ އިންތިހާ ގެއްލުން ފޯރާފައި އެބަހުރި. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވުން ފާހަގަކުރެވޭ ދުވަހު، ނަމޫނާ ލިބިގަންނަންވީ، މުނާފިގުން ދުނިޔެއަށް ތައާރަފުކުރި ދަށުދަރަޖައިގެ ހުތުރު ފިތުނަތަކަކުން ނޫން ކަމަށާއި ނަމޫނާ ލިބިގަންނަންވީ ކީރިތި ރަސޫލާ ދުނިޔެއަށް ގެނެސްދެއްވި މޫރިތި، ރިވެތި އަޚްލާގީ ސިފަފުޅުތަކުން ކަމަށެވެ. އަދި ”ކޮންމެ މީހަކު ވާންވީ، އަނެކުންނަށް، އަނެކުންގެ ހިތަށް ފިނިކަމާއި ހަމަޖެހުން ގެނެސްދޭ މިތުރަކަށް މުސްލިމަކަށް، ފުރިހަމަ މުއުމިނަކަށް” ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

