އިސްލާމްދީނަށް ނަސްރުދޭނެ ސަރުކާރެއް މިއަދު ގާއިމުވެފައި އޮތްކަމީ ދިވެހިންނަށް ލިބިފައިވާ ނިއުމަތެއްކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ އިސްލާމްދީން ކުރިއަރުވާނެ ސަރުކާރެއް ނެތްނަމަ މިއަދު ދިވެހިން ތިބޭނީ ހިތާމަކުރަންޖެހޭފަދަ ހާލަތެއްގައި ކަމަށެވެ. ނަމަވެސް ދީނަށް ނަސްރުދޭނެ ސަރުކާރެއް މިއަދު ގާއިމުވެފައި އޮތްކަމީ ދިވެހިންނަށް ލިބިފައިވާ ނިއުމަތެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރު ވިދާޅުވީ 900 އަހަރު ވަންދެން އިސްލާމީ ހަޟާރަތު ރާއްޖޭގައި ދެމިގެން އައީ އެކި ޒަމާންތަކުގައި އެކި ވެރީން ކުރެއްވި މަސައްކަތްޕުޅުތަކުން ކަމަށެވެ. އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ދައުރުގެ ތެރޭގައި ކުރެވޭ މަސައްކަތްތަކަކީ ކުރިއަށް އޮތް ގަރުނަށް އިސްލާމީ އަގީދާ ވަރުގަދަ ކަމާއެކު ފޯރުކޮށްދެވޭނެ މަސައްކަތްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ކީރިތި ޤުރުއާން ހިތުދަސްކުރާ ހާފިޒުންގެ އަދަދު އިތުރުކުރުމަށާއި ކީރިތި ޤުރުއާނުގެ އިލްމު ފެތުރުއްވުމަށް ރައީސްގެ އިރުޝާދުގެ ދަށުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ޑރ. ޝަހީމް ވަނީ ޤުރުއާން ހިތުދަސްކުރާ ހާފިޒުންނަށް ރައީސްގެ ފަރާތުން ދެއްވަމުން ގެންދަވާ މެޑަލް، ރާއްޖެ އިސްލާމްވީ ދުވަހާ ގުޅުވައިގެން ދެއްވުމަށް ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށާއި، މެޑަލް ދެއްވުމުގައި ހާފިޒުން ދަރަޖަ ކުރުން ބަދަލު ކުރައްވާ ހުރިހާ ހާފިޒުންނަށް މެޑަލް ދެއްވުމަށް ރައީސް ނިންމެވީތީ އެކަން ވެސް ފާހަގަކުރައްވާފައެވެ.
މީގެއިތުރުން މެޑަލްގެ އިތުރުން މުޅިން އަލަށް ރައީސްގެ ފަރާތްޕުޅުން ހާފިޒުންނަށް އިނާމު ދެއްވުމަށް ނިންމަވާފައިވާތީ މިނިސްޓަރު ވަނީ އެކަން ވެސް ފާހަގަކުރައްވާފައެވެ.

