އިސްލާމްދީނަށް އުޅުމުގައި ދުލުން ވާ އިގުރާރާ އެއް ގޮތަށް، ހިތުގެ ނިޔަތާއި އަމަލުތައް ބައްޓަންކުރަންޖެހޭ ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެންމެހާ މީސްތަކުން ދުނިޔޭގައި އުޅެން ނިންމި ގޮތަށް ކިޔަނީ އިސްލާމްދީން ކަމަށާއި، އެހެންކަމުން އެ ދީނަށް އުޅުމުގެ ނަތީޖާ ފެންނަންވާނެ ކަމަށެވެ. އަދި އެ ނަތީޖާ ފެންނާނީ، އެ ދީނަށް އުޅެވޭ ނިސްބަތެއްގެ މައްޗަށް ކަމަށާއި، އެ ދީނަށް ތަބާވެވޭ މިންވަރެއްގެ މައްޗަށް ކަމަށާއި، އެ ދީން ދޭހަވާ އަދި ފަހުމުވާ ފުންތިލަ މިނެއްގެ މައްޗަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މިސާލެއް ޖައްސަވަމުން ރައީސް ވިދާޅުވީ ކަސްރަތުކުރާ މީހާގެ ހަށިގަނޑަށް ބަދަލު އަންނަނީވެސް، އޭގެ ފިޔަވަޅުތައް އޭނާ ތަންފީޒުކުރި މިންވަރެއްގެ މައްޗަށް ކަމަށެވެ. އަދި އެކަން ބިނާވެފައި އޮންނަނީ، އޭނާގެ ވިސްނުމާއި ފިކުރާއި، ދިރިއުޅުމުގެ އާދަތައް އެކަމަށްޓަކައި ބަދަލުކޮށް، ވަކި ނަތީޖާއެއް ހޯދުމަށް ވާ ގުރުބާނީތަކެއްގެ މައްޗަށް ކަމަށާއި، ފަހަރެއްގައި ވެސް ދުލުކުރިން ކިޔާލާ އިރުޝާދުތަކެއްގެ މައްޗަކަށް ނޫންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިގޮތުން ބަލާއިރު، އަޅުގަނޑުމެން މި މާތް ދީނަށް އުޅުމުގައި، އަޅުގަނޑުމެން ދުލުން ވާ އިގުރާރާ އެއް ގޮތަށް، ހިތުގެ ނިޔަތާއި އަމަލުތައް ބައްޓަންކުރަންޖެހޭ. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަގުމަތީގެ މައްސަލަތަކާއި، ބަދުއަޚްލާގ މައްސަލަތަކާއި، މަސްތުވާތަކެއްޗާއި، މާރާމާރީއާއި، އިންސާނުންގެ ފުރާނައަށް ގެއްލުންދެވޭ ފަދަ އަމަލުތައް މަދުކުރެވޭނީ މި އުސޫލުން ކަމަށެވެ. އަދި ގައުމަށް ޚިޔާނާތްތެރިވުމާއި، ރައްޔިތުންގެ މުދާ ނުހައްގު ގޮތުގައި ބޭނުންކުރުން ހުއްޓިގެންދާނީ ވެސް ހަމަ އޭރުން ކަމަށް ރައީސް ވިދާޅުވިއެވެ.

