ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ އަދަދު 60,000 އިން މައްޗަށް އަރާފައިވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށް ހުޅުމާލޭގައި ކުރިޔަށް ގެންދާ ހަރަކާތް ފަށްޓަވައިދެއްވުމަށްފަހު "އަސްލު ޓީވީ" އަށް މައުލޫމާތު ދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ އެ ޕާޓީގެ މެމްބަރުންގެ އަދަދު 60,000 އިން މައްޗަށް އަރާފައިވާ ކަމަށް ޕާޓީގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާ ޢަބްދުއްރަޙީމް ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ ނޮވެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށް ޕީއެންސީއަކީ ރާއްޖޭގައި އޮތް އެންމެ މެމްބަރުން ގިނަ ޕާޓީއަށް ހައްދަވަން ކަމަށާއި އެއީ 75,000 މެމްބަރުން ޕާޓީއަށް ހައްދަވަން ކަމަށެވެ. އަދި އެ އަމާޒަށް ވާސިލުވެވޭނެކަމާމެދު އެއްވެސް ޝައްކެއް ނެތް ކަމަށް ޗެއާޕާސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނޮވެމްބަރުމަހުގެ މެދަކާ ހިސާބަށްދާއިރު ޕީއެންސީ ވެގެންދާނީ 75,000 މެމްބަރުން ތިބި އަދި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ކަމަށެވެ.
މިހާތަނަށް އައިއިރު އަޅުގަނޑުމެންނަށް ރައީސްގެ އަމާޒަށް ކަނޑައެޅުއްވި މުއްދަތަށް ވާސިލުވެވޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް.
ޢަބްދުއްރަޙީމް ވިދާޅުވީ މެމްބަރުން އިތުރުކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރުން ކަމަށާއި، ކެބިނެޓުގެ ވަޒީރުން ވެސް މިކަމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ކަމަށެވެ.
އެކަން ފާހަގަކުރައްވައި އޭނާ ވަނީ މިކަމުގައި ޝާމިލްވާ އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ޗެއާޕާސަން ވިދާޅުވީ ޕާޓީއަށް އޮތް ތަރުހީބަށް ބަލާއިރު މިއަދު މި ފެނިގެންދަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަށް ރައްޔިތުން ތާއީދުކުރައްވާ މިންވަރު ކަމަށާއި، މިހާ ބާރު ސްޕީޑެއްގައި މެމްބަރޝިޕް އިތުރުވެގެން މިދަނީ އެހެންވެ ކަމަށެވެ.
މީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެއްވެސް ސިޔާސީ ޕާޓީއަކަށް މިހާ ކުރު މުއްދަތެއްގެ ތެރޭގައި މިހާ ގިނަ މެމްބަރުން ޖޮއިން ކުރައްވާފައެއް ނެތް.
އޭނާ ވިދާޅުވީ މި ކާމިޔާބުގެ ސިއްރަކީ ރައީސް ޑރ. މުޢިއްޒު ދިވެހި ގައުމާ ދޭތެރޭ ގެންގުޅުއްވާ ތަސައްވުރާއި، ވިސްނުންފުޅާއި، ސިޔާސަތާއި، ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވާ ކުރެއްވުން ކަމަށާއި، ޕާޓީގެ މެންބަރުންނާއި، ޕީޖީ މެންބަރުންނާއި، ރައީސް ޑރ. މުޢިއްޒާ ދެމެދު އޮންނަ ގާތްކަން ކަމަށެވެ.

