މުޅި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ކުރުމުގެ ވިސްނުމުގައި ކަމަށާއި އެކަން ކާމިޔާބު ކުރައްވާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށް ހުޅުމާލޭގައި ކުރިޔަށް ގެންދާ ހަރަކާތް ފަށްޓަވައިދެއްވުމަށްފަހު "އަސްލު ޓީވީ" އަށް މައުލޫމާތު ދެއްވަމުންނެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ މައިގަނޑު އަމާޒަކީ ރާއްޖެ މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ބަދަލުކޮށްދީ ދިވެހިންގެ ރާއްޖެއެއް ދިވެހިން އެދޭ ގޮތަށް ބިނާކުރުމަށްޓަކައި 10 ވަރަކަށް 15 ވަރަކަށް އަހަރު އެއް ވެެރިކަމެއް އޮންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރުން ކަމަށެވެ. އަދި އެ ވެރިކަމަކަށް ބަލާއިރު، ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ ދިވެހިންގެ ރާއްޖެއެއްގެ ސިޔާސަތު ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ އަމާޒަކީ ކާމިޔާބުކަމާއެކީގަ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ދެމިގެން ދާނެ ގޮތަކަށް އަޅުގަނޑުމެންގެ މަސައްކަތް ބައްޓަންކުރުން.
ޢަބްދުއްރަޙީމް ވިދާޅުވީ ޕީއެންސީ އޮތީ މި ފަސް އަހަރު އެކަނި ވެެރިކަން ކުރާ ގޮތަކަށް ނޫން ކަމަށާއި، މުޅި ޕީއެންސީ އޮތީ ރައީސުލްޖުމްހޫރިއްޔާއަށް ދެވަނަ ދައުރެއް ހޯދައިދިނުމުގެ ވިސްނުމުގައި ކަމަށެވެ. އަދި މިހާރު ކުރަމުން މިދަނީ އެ މަސައްކަތް ކަމަށާއި އެކަން ކާމިޔާބުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

