މިއަދު ސަރުކާރާ އިދިކޮޅުގައި ތިއްބެވި ފަރާތްތަކުން މަަސައްކަތް ކުރަމުންދަނީ ހަގީގަތާ ޚިލާފު ވާހަކަތައް ދައްކައި ރައްޔިތުންނަށް އޮޅުވާލަން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަހީމް މިފަދައިން ވިދާޅުވީ ކޮންގްރެސް ޕާޓީގެ މެމްބަރޝިޕް އިތުރުކުރުމަށް ހުޅުމާލޭގައި ކުރިޔަށް ގެންދާ ހަރަކާތް ފަށްޓަވައިދެއްވުމަށްފަހު "އަސްލު ޓީވީ" އަށް ދެއްވި ބަސްދީގަތުމެއްގައެވެ.
ކޮންގްރެސް ޕާޓީން ވަރަށް ހަރަކާތްތެރިކޮށް ފެންނަމުންދާއިރު، އިދިކޮޅު ފަރާތްތަކުން އެހާ "ވަނދުކޮށް" ފެންނަނީ ކީއްވެތޯ ކުރި ސުވާލަށް ޖަވާބުދެއްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ކޮންގްރެސް ޕާޓީން ކުރަމުންދަނީ ގައުމީ މަސައްކަތެއް ކަމަށާއި ގައުމު ބިނާކުރުމުގެ މަސައްކަތް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ އެމަނިކުފާނު ވެރިކަން މި ކުރައްވަނީ ދިވެހި ގައުމަށޭ، ދިވެހި ރައްޔިތުންނަށޭ، އެހެންވީމަ އެ މަސައްކަތުގަ އަޅުގަނޑުމެން ޝާމިލްވެ މި ތިބީ ރައީސުލްޖުމްހޫރިއްޔާއާ އެކީގަ.
ޗެއާޕާސަން ވިދާޅުވީ ކޮންގްރެސް ޕާޓީ ވެސް ވެރިކަމަށް އައީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެފައި ކަމަށާއި، އެ ޕާޓީން އިދިކޮޅުގައި އޮތް އިރު "ވަނދެއް" ނުވާނެ ކަމަށެވެ. އަދި ވަނދު ނުވުމުގެ ނަތީޖާއަކަށްވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކޮންގްރެސް ޕާޓީން ކާމިޔާބުކުރުން ކަމަށެވެ.
ކޮންގްރެސް ޕާޓީން އަބަދުވެސް މަަސައްކަތް ކުރަނީ އަމާޒެއް އޮވެގެން ކަމަށާއި، ނަމަވެސް އިދިކޮޅު ބައެއް ފަރާތްތަކުން އެބޭފުޅުން ބޭނުންވާ ކަމެއް ނުކުރެއްވުނީމާ ގޭގައި ތިއްބަވައިގެން ކުރައްވާ ކަމަކީ ފާޑުވިދާޅުވުން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ކަންކަން އޮޅުވާލައި، ފިތުނަފަސާދަ އުފައްދަން މަގުފަހިކުރަނީ ކަމަށާއި، ގައުމު ބައިބައިކުރަން ޖާގަ ހޯދަންވެގެން މަސައްކަތް ކުރަނީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ސިޔާސީ މަސައްކަތް ކުރާ ގޮތަކީ އެއީ ނޫން ކަމަށެވެ. ސިޔާސީ މަސައްކަތް އަބަދުވެސް ކުރަންވާނީ ޒިންމާދާރު ކަމާއެކު ކަމަށާއި، ވާހަކަ ދައްކަންވާނީ ގައުމުގަ ހުރި ބޮޑެތި މައްސަލަތަކަށް އަމާޒުކޮށްގެން ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ހަގީގަތް ހާމަކުރަންވާނީ ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފައްދައި ފިތުނަފަސާދަ އުފައްދަން ޖާގަ ނުދޭ ގޮތަށް ކަމަށާއި، ރައްޔިތުން ބަލައިގަންނާނީ އޭރުން ކަމަށް ވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އަޅުގަނޑަށް ގަބޫލުކުރެވެނީ މިއަދުގެ އިދިކޮޅުގަ ތިއްބެވި ފަރާތްތަކުން އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާނުކުރުމެއްނެތި ހަގީގަތާ ޚިލާފު ވާހަކަތައް ދައްކައި ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރާކަން ރައްޔިތުންނަށް އެނގުނީމާ ރައްޔިތުންނެއް ބޭނުމެއްނުވޭ އެމީހުންނަށް އެއްބާރުލުންދޭކަށް އެމީހުންނާ އެކީގަ އެ މަސައްކަތް ކުރާކަށް. އެއީކަން ނޭނގެ އެ ވަނދުވާ މައިގަނޑު ސަބަބަކީ.
ސަރުކާރާ އިދިކޮޅު ޕާޓީތަކުގެ ގޮތުގައި މިއަދު ފެންނަނީ އެމްޑީޕީއާއި، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އުފެއްދެވި، ކިރިޔާ 3000 މެންބަރުން ހަމަވާ ޕީއެންއެފްއެވެ.
އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީ ނަމަވެސް، އެ ޕާޓީ މިއަދު ފެނިގެންދަނީ ލީޑާޝިޕްގެ އެއްވެސް ކޮލިޓީއެއް ނެތް ޕާޓީއެއްގެ ގޮތުގައެވެ. ފެންނަނީ ކުރިން އެ ޕާޓީ ހިންގި ޖޯޝާއި، ފޯރިއާއި، ބާރުމިނުގައި ހިންގައިލެވޭނެ ލީޑަރެއް ނެތި ކުރިއަށްދާ މަންޒަރެވެ.

