އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން ހިންގޭ މަކަރާއި ހީލަތުގެ އަމަލުތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުންގެ ޚިދުމަތުން މިއަދު އެދިއްޖެއެވެ.
ފުލުހުން ބުނީ އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތައް ފުލުހަށް ހުށަހެޅެމުންދާ ކަމަށެވެ.
މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް، އާންމު ރައްޔިތުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރަމެވެ.
ފުލުހުން ވަނީ މިފަދަ ކަމެއް ދިމާވެއްޖެނަމަ، ނުވަތަ އެފަދަ ކަމަކަށް ތުހުމަތު ކުރެވިއްޖެނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓްކުރެއްވުމަށް އެދިފައެވެ.

