އުނގެނުމާއި، އުނގަންނައިދިނުމަކީ ގައުމުގެ ކުރިމަގާ ގުޅިފައިވާ އެންމެ މުހިންމު އެއް އަސާސްކަމަށް ނައިބު ރައީސް އަލްއުސްތާޒު ޙުސައިން މުޙައްމަދު ލަޠީފް މިއަދު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އުނގެނުމާއި އުނގަންނައި ދިނުމަކީ ގައުމެއްގެ ކުރިމަގާއި ގުޅިފައިވާ އެންމެ މުހިންމު އެއް އަސާސްކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ އިލްމާއި، ހިލްމު ހުރި ހަރުދަނާ، ގާބިލު ޖީލުތަކެއް ބިނާ ކުރުމަށް މުދައްރިސުން ކުރަމުންދަނީ އަގު ނުކުރެވޭ ފަދަ މުހިންމު ޚިދުމަތެއް ކަމަށެވެ.
މި ޚިދުމަތް ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރިކަމާއެކު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޮކްޓޫބަރުމަހުގެ 5 ވަނަ ދުވަހުއެވެ.
މިއަހަރުގެ މި ދުވަހުގެ ޝިއާރަކީ ”ވެލިއު އިން ޓީޗާސް ވޮއިސަސް: ޓްވާޑްސް އަ ނިއު ސޯޝަލް ކޮންޓްރެކްޓް ފޮރ އެޑިއުކޭޝަން” އެވެ.
މި ޝިއާރުން އަލިއަޅުވާލައިފައިވަނީ މުދައްރިސުންގެ ވާހަކަ އަޑުއަހައި، ތައުލީމީ ސިޔާސަތުތަކާއި އުސޫލުތައް ބައްޓަންކުރުމުގައި މުދައްރިސުން ބައިވެެރިކުރުމުގެ މުހިންމުކަމުގެ މައްޗަށެވެ.

