ލާރި ނުދީފިނަމަ އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި ދެ ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލާގައި މިދިޔަ މަހުގެ 19 ވަނަ ދުވަހުގެރޭ ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ، އަތިރީއާގެ، އަޙްމަދު ސިވާތު (37އ) އާއި ހަމަ އެ ރަށު ޑިލައިޓް ފޭސް، މުޙައްމަދު ސާލިމް (37އ) އެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ރަސްފަންނުގައި ތިބި ބިދޭސީންތަކަކަށް ވަޅިން ބިރުދައްކައި، ލާރި ނުދީފިނަމަ، އިނގިލިތައް ބުރިކޮށްލާނެ ކަމަށް ބުނެ އިންޒާރުދީ، ދެ ބިދޭސީއެއްގެ ވޮލެޓުގައި ހުރި ފައިސާ ފޭރުނު މައްސަލައާ ގުޅިގެންނެވެ.
މި މައްސަލާގައި މިއަދު އެ ދެ މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ އިތުރު 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
އެ ދެ މީހުންނާ ދެކޮޅަށް ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ހެކިތަކުގެތެރޭގައި ހާދިސާ ރިޕޯޓާއި، އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި، އަނިޔާ ލިބުނު ފަރާތުން ތުހުމަތުކުރެވޭ ފަރާތް އައިޑެންޓިފައިކޮށްފައިވާ ފޮޓޯ ސެޓާއި، ކުށުގެ ވެށްޓަށް ދިޔަ ފުލުހުންގެ ބަޔާން ހިމެނެއެވެ.
ފުލުހުން ބުނެފައިވާ ގޮތުން އެ ދެ މީހުން، ބިދޭސީންގެ އަތުން ފޭރުނު ފައިސާތައް ވަނީ ހޯދާފައެވެ.

