އައްޑޫ ސިޓީގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބާރުމިނުގައި ކުރިއަށްދާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރޭގެ ވަގުތެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ އިސްލާމިކް ސެންޓަރުގެ މަސައްކަތް ބާރު މިނުގައި ކުރިއަށްދާ ކަމަށާއި އަމާޒަކީ 2025 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ސެންޓަރުގެ މަސައްކަތްތައް ނިންމުން ކަމަށެވެ.
އައްޑޫ ސިޓީ އިސްލާމިކް ސެންޓަރު ވެގެންދާނީ ދެކުނުގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ގޮތްޕަކަށް ކަމަށާއި، އެ ސެންޓަރުގައި ލައިބްރަރީގެ އިތުރުން ތަމްރީނު ފެސިލިޓީއާއި އިދާރާ ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ އިސްލާމިކް ސެންޓަރުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: ޑރ. ޝަހީމް/އެކްސް
މިސްކިތް ބައިގައި އިލްމުވެރި އިމާމަކާއި ބަންގިގޮވާ މުއައްޒިނަކު ހުންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ ސިޓީ އިސްލާމިކް ސެންޓަރު ތަރައްގީކުރުމުގެ ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ ފީޑޯ ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ މާޗުމަހުގެ 24 ގައެވެ. އެއީ 450 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

