ހއ.ދިއްދޫ އިސްލާމިކް ސެންޓަރުގެ މަސައްކަތް ނިމުމަކާ ގާތަށް ހިނގައްޖެކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރޭ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައިި މިނިސްޓަރު ވިދާޅުވީ އަމާޒަކީ ވީ އެންމެ އަވަހަށް ސެންޓަރު ހުޅުވުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިތަން ވެގެންދާނީ އުތުރުގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ގޮތްޕަކަށް ކަމަށެވެ.
މި ސެންޓަރުގައި ލައިބްރަރީގެ އިތުރުން ތަމްރީނު ފެސިލިޓީއާއި އިދާރާ ހިމެނޭނެ ކަމަށާއި، މިސްކިތް ބައިގައި އިލްމުވެރި އިމާމަކާއި ބަންގިގޮވާ މުއައްޒިނަކު ހުންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
58 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރާ ދިއްދޫ އިސްލާމިކް ސެންޓަރަކީ 1500 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ހަދާ ސެންޓަރެކެވެ. ދެ ފަންގިފިލާ ހިމެނޭ މި ސެންޓަރުގައި 450 މީހުންގެ ޖާގައިގެ މަލްޓިޕަރޕަސް ހޯލަކާއި، ކޮންމެ ކްލާސް ރޫމެއްގައި 30 ކުދިންނަށް ތިބެވޭނެ ޖާގައިގެ 4 ކްލާސްރޫމާއި، ދެ ސެމިނާ ރޫމް ހިމެނެއެވެ.

