ކަޒްމިކް އިންޓަރނޭޝަނަލް އާއި އައި ފިލްމްސްގެ އެންތޮލޮޖީ ސީރީޒްގެ ދެވަނަ ޗެޕްޓަރ "ޒައްރޫކް" މިމަހު 21 ވަނަ ދުވަހު ބައިސްކޯފުގައި ސްޓްރީމްކުރަން ފަށާނެ ކަމަށް އެޕްރޮޑކްޝަނުން ހާމަކޮށްފިއެވެ.
އިލްޔާސް ވަހީދު (އިއްލެ)ގެ ޑައިރެކްޝަންގެ ދަށުން ބައިސްކޯފުގައި ގެނެސްދޭ އެންތޮލޮޖީ ސީރީޒްއެއް ކަމަށްވާ "މަޒްލޫމް"ގެ ދެވެނަ ޗެޕްޓަރ "ޒައްރޫކް"ގައި ލީޑްރޯލް ކުޅެފައިވަނީ އުމުރުން 11 އަހަރުގެ މުހައްމަދު މާހިލްއެވެ. މިފިލްމުގައި މާހިލްގެ ކުޅަދާނަ އެކްޓިން ފެނިގެންދާނެއެވެ.
މާހިލްގެ އިތުރުން މިފިލްމުގެ ކާސްޓަށް ބަލާލާއިރު ޓިކްޓޮކްއިން މަޝްހޫރުކަން ހޯދާފައިވާ ގިން ތަރިން ފެނިގެންދާނެއެވެ. އޭގެތެރޭގައި ނަތާޝާ ޖަލީލްގެ އިތުރުން ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝާރިފް ހިމެނެއެވެ.
އިއްލެ ބުނާގޮތުގައި "ޒައްރޫކް"އަށް މާހިލް ނެގީ އިއްލެ އުފައްދަމުން ދިޔަ ބިރުވެރި ވާހަކައިގެ އޯޑިޝަންގެ ހޮވެލިއަށް ކަމަށާއި ފުރަތަމަ ދުވަހުވެސް މާހިލްގެ ހުނަރު ވަރަށް ފުރިހަމައަށް ފެނުނު ކަމަށެވެ.
އިއްލެގެ ޑައިރެކްޝަނަށް ބަލާލާއިރު "ބަވަތި" "ނީނާ" އަދި "މަޒްލޫމް" ފަދަ ފިލްމުތަކަކީ ރާއްޖޭގައި ހޮވާލެވޭ ފިލްމުތަކެވެ.

