އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއި ދެމެދު ވެފައިވާ ފަހުމުނާމާގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހުޅުވައިލި ދަސްވާރު ޕްރޮގްރާމް ފަށައިފިއެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން އިއްޔެ ބުނީ މިދިޔަ ޖޫންމަހުގެ 30 ގައި ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ކުރިއަށް ގެންދާ މި ޕްރޮގްރާމް ފަށައި، އިންޓަރނުންގެ ގޮތުގައި އައްޔަނު ކުރެވިފައިވާ ނުކުޅެދުންތެރިކަން ހުންނަ 5 ފަރާތަކަށް އޮފަރ ލެޓަރ ހަވާލުކޮށްފައިވާ ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ 6 މަސްދުވަހުގެ މުއްދަތަކަށެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ހިމެނޭ 5 ބައިވެރިންނަށް އަމަލީ މަސައްކަތާއި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމުގެ ގޮތުން، އާރްޑީސީގެ މެއިންޓަނަންސް، ލޮޖިސްޓިކް، ސޭލްސް އެންޑް މާކެޓިންގ، ޕްރޮޖެކްޓްސް، އަދި ރޯޑް މެއިންޓަނަންސް ފަދަ ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއާއެކު މި ޕްރޮގްރާމްގެ މުއްދަތުގައި ކޮންމެ ބައިވެރިއަކަށް މަހަކު 5000 ރުފިޔާގެ އެލަވަންސެއް ދެވޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހޯދައިދިނުމާއެކު، މަސައްކަތުގެ މައިދާނަށް ތައްޔާރުވުމަށް ބޭނުންވާނެ އެކި ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ބުނީ މިފަދަ އިންޓާންޝިޕްތަކުގެ ބައިވެރިންނަށް އެފަރާތްތަކުގެ ޝައުގުވެރިކަން ހުރި ދާއިރާތައް ފާހަގަކުރުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. އަދި ވަޒީފާ ދޭ ފަރާތްތައްވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއެކު މަސައްކަތްކުރުމަށް އަހުލުވެރިވެގެންދާނެ ކަމަށާއި، މިއާއެކު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވެސް ދާއިމީ ވަޒީފާތަކުގެ ފުރުސަތުތައް ފަހިވެ، މަސައްކަތުގެ މާޙައުލަށް މުޅިން ތަފާތު ހުނަރުތަކެއް ހުރި ފަރާތްތަކެއް އިތުރުވާނެ ކަމަށެވެ.
އެ ވުޒާރާއިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް، އެހެނިހެން މުއައްސަސާތަކާއި ގުޅިގެން ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދީ، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާނެ ކަމަށެވެ.

