ކަނޑުއޮތްގިރީގެ މަސައްކަތް ނިމި އުފެއްދުންތައް އަންނަ ހަފްތާގައި ލިބޭނެ ކަމަށާއި، މިހާރު ކުރިއަށް ގެންދަނީ ސަޕްލައި ކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ބުނެފިއެވެ.
ކަނޑުއޮތްގިރީގެ މަސް ކާރުޚާނާ ފެލިވަރަށް ބަދަލުކޮށް، މި މަހު އޮޕަރޭޝަނަށް ގެންނަން ނިންމާފައިވާކަމަށް މިފްކޯއިން ވަނީ މީގެ ކުރިން ބުނެފައެވެ. ކ.ކަނޑުއޮތްގިރި ފިޝް ވިލެޖު އެމްއެންޑީއެފަށް ދިނުމަށް ކެބިނެޓުގެ މަޝްވަރާއިން ނިންމީ އޮގަސްޓް މަސްތެރޭގައެވެ.
ހުޅުމާލެއިން ބިމެއް ލިބި ފެސިލިޓީ ގާއިމްވަންދެން ކަނޑުއޮތްގިރީގައި މިފްކޯއިން ކުރި މަސައްކަތް ފެލިވަރުގައި ވެސް ކުރިއަށްގޮސްފައެވެ.
މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް، ޖެނެރަލް މެނޭޖަރު މުއާޒު އަލީ މީގެ ކުރއިން ވިދާޅުވީ އަމާޒަކީ، އެކުންފުނީގެ ހީވާގި އިންޖިނިއަރިން ޓީމާއި، ޕްރޮޑަކްޝަން ޓީމުގެ މަސައްކަތް ވީހާވެސް އަވަހަކަށް މަސައްކަތް ފެށެން ކަމަށެވެ.
ކަނޑުއޮތްގިރިން އުފައްދާ ބާވަތްތަކުގެ ތެރޭގައި ކަންނެލި މަހުގެ ގިނަ ބާވަތްތަކާއި، ލޮއިންސް އަދި ލައިފްސްޓައިލް ޕްރޮޑަކްޓްސް ހިމެނޭނެއެވެ.

