ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާތީ، ކުރިއަށް އޮތް 5 ދުވަހު ބޯކޮށް ވާރޭވެހި، ކަނޑުތައް ގަދަވެ، އުދައެެރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މިއަދު ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށާއި އެގޮތުން ކުރިއަށް އޮތް 5 ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާންމު ވައި ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނުގައި އަދި ދެކުނުގެ ސަރަހައްދުގައި 13 މެލާއި 23 މޭލުގެ ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވެގެން ދިއުން އެކަށީގެންވާ ކަމަށެވެ.
އެހެންކަމުން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މީގެއިތުރުން ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މެޓް އޮފީހުން ބުންޏެވެ.
ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުތަކަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

