ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް އަންނަ ހަފުތާގައި ފަށާ ގޮތަށް ފަސްކޮށްފިއެވެ.
ކުރިން އޮތީ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު މާދަމާ ފަށާ ގޮތަށެވެ.
މަޖިލީހުގެ އިދާރާއިން މިއަދު މެންބަރުންނަށް ފޮނުވި މެސެއްޖެއްގައި ބުނެފައިވަނީ ޖަލްސާތައް ފެށުން ލަސްކުރީ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމަށް އާ ވީޑިއޯ ރޫމެއް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށެވެ.
އެގޮތުން މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓް ކުރުމުގައި ދަތިތަކެއް ހުރުމުން ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުން އަންނަ ހަފުތާގެ ހޯމަ ދުވަހަށް ފަސްކުރަން މަޖިލީހުގެ ރައީސް ނިންމަވާފައިވާ ކަމަށް މެސެޖުގައިވެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ނިންމައިލީ އޮގަސްޓް 22 ގައެވެ. އޭގެފަހުން ދައުރުން ބޭރުން 3 ޖަލްސާއެއް ވަނީ ބާއްވާފައެވެ.

