ކުރިއަށް އޮތް 5 ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ވަނީ ގަދަވެފައެވެ. އެގޮތުން ކުރިއަށް އޮތް 5 ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާންމު ވައި ގަޑިއަކު 15 މޭލާއި 25 މޭލުގެ ބާރުމިނުގައި އަދި ދެކުނުގެ ސަރަހައްދުގައި 13 މެލާއި 23 މޭލުގެ ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވެގެން ދިއުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.
މިކަން ފާހަގަކޮށް އެންޑީއެމްއޭއިން ބުނީ އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.
ރައްކާތެރިވުމަށް އެޅިދާނެ ބައެއް ފިޔަވަޅުތައް:
- ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުން ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. މިގޮތުން ގޭގެ ދޮރުމަތީ ވެލިބަސްތާފަދަ ތަކެތި ޖެއްސުން.
- ގޭތެރޭގައި ފެންބޮޑުވެއްޖެ ހިނދެއްގައި ގެއްލުންވެދާނެފަދަ މުދާ ފެން ނުޖެހޭފަދަ އުސް ތަންތަނަށް ބަދަލުކުރުން.
- އުސްތަންތަނަށް ބަދަލު ނުކުރެވޭފަދަ ތަކެތި ފެނުގެ އަސަރު ނުފޯރާ ތަނަކަށް ބަދަލުކުރުން.
- ގަދަވައިގެ ސަބަބުން ފުރާޅު އެއްލައިލާނެކަމަށް ލަފާކުރެވޭނަމަ ކުރިއާލައި ވައުފަދަ އެއްޗެއް ބޭނުންކޮށްގެން ފުރާޅު އެއްލާނުލާފަދަ ގޮތަކަށް ހައްޔަރުކުރުން.
- ގަދަވައިގެ ސަބަބުން އެއްލާލާފާނެ ތަކެތި ބަނދެ ރައްކާތެރި ކުރުން.
- ބޭނުންނުކުރާނަމަ ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލައިފައި ބެހެއްޓުން.
- ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް ސަމާލުވުން. އަދި ދަތުރަށް ނުކުންނައިރު މުވާސަލާތީ ނިޒާމު ފުރިހަމަކަން ޔަގީންކުރުން.
- ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާބެހޭ އެންމެ ފަހުގެ މައުލޫމާތު ކަމާބެހޭ އިދާރާތަކުން ހޯދުން.
- ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތިނުވާނެ ގޮތަށް ދުރާލައި ކަންކަން ރޭވުން.
މި ކަންކަމަށް ރަށު ފެންވަރުގައި ރައްޔިތުން ހޭލުންތެރިވެ ޚާއްސަ ސަމާލުކަމެއް ދިނުމަށް އެންޑީއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

