ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެމްބަރުންގެ އަދަދު ބައިލައްކަ ފަހަނައަޅާ 60000 އަށް އަރަފި ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގަ އަބްދުއްރަހީމް ވިދާޅުވީ ޕިއެންސީ ބޮޑު ކުރުމަށް މިހާތަނަށް އައިއިރު ރައީސްގެ އަމާޒަށް އެމަނިކުފާނު ކަނޑައެޅުއްވި މުއްދަތަށް ވާސިލުވެވޭނެކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް ލިބިފައިވާ ކަމަށެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ޝަރަފު ވެރިކަން ކުރާ ޕީއެންސީ އިން ހޯދާނެ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް ވަނީ ވިދާޅުވެފައެވެ.
ސެޕްޓަމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަލާހް ވިދާޅުވީ އަމާޒަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޕީޕީއެމްގެ ޖުމްލަ މެންބަރުންގެ އަދަދު 75،000 މެންބަރުންނަށް ވުރެ އިތުރުކުރުން ކަމަށެވެ.
މިގޮތުން މިހާރުވެސް ގާތްގަނޑަކަށް 60،000 އަށް ވުރެ މައްޗަށް ހިނގައްޖެ ކަމަށެވެ.
މި އަހަރުގެ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށްދާއިރު ޕީއެންސީ ވެގެން ދާނީ 75،000 މެމްބަރުން ތިބި ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީ ކަމަށްވެސް އަބްދުއްރަހީމް ވަނީ ވިދާޅުވެފައެވެ.

