ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިލެކްޓްރިކް އުޅަނދުތަކުގެ ޗާޖިން ސްޓޭޝަނެއް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ މަސައްކަތް ފެށިފައިވާކަން އިއްޔެ ހާމަކުރެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީއެވެ.
ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އިލެކްޓްރިކް ވެހިކަލް (އީވީ) ކާރު ޗާޖިން ސްޓޭޝަންގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ސައިޓްގައި އަމަލީ ގޮތުން މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. އަދި މި މަޝްރޫޢަކީ ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުކުރުމަށް ބާރުއެޅުމަށާއި، ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުތައް ފުއްދުމުގެ ގޮތުން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެއް ކަމުގައި ވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އީވީ ބޭނުންކުރާ ފަރާތްތަކަށް ސާފު ހަކަތަ ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދީ، ތިމާވެއްޓާ ރައްޓެހި ހައްލުތަކަށް ގައުމު ބަދަލުވުމުގައި މި ޗާޖިން ސްޓޭޝަން މުހިންމު ދައުރެއް އަދާކުރާނެ،" ފަހްމީ ވިދާޅުވިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާޔާ ގެންގުޅުއްވާ ފެހި އަދި ދެމެހެއްޓެނިވި ތަސައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަޝްރޫޢެއް ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މި މަސައްކަތް ތާވަލަށް ނިންމުމަށް ސްޓެލްކޯއިން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އިލެކްޓްރިކް ވެހިކަލްތަކަކީ ޕެޓްރޯލު އަޅަން ނުޖެހޭ، ތިމާވެއްޓާ ރައްޓެހި ބާވަތެއްގެ އުޅަނދުތަކެކެވެ. މި ބާވަތުގެ އުޅަނދުތައް ދުނިޔޭގައި މަގުބޫލުވަމުން އަންނައިރު، ރާއްޖޭގައި ވެސް މި ބާވަތުގެ އުޅަނދުތައް އިތުރުވަމުންދާކަން ފާހަގަކުރެވެއެވެ. ސްޓެލްކޯއިން މި ޗާޖިން ސްޓޭޝަން ގާއިމްކުރުމުން، ރާއްޖޭގައި އިލެކްޓްރިކް ވެހިކަލްތައް ބޭނުންކުރާ ފަރާތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

