އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ފޮނިމީރުކަން ހުރިހާ ދިވެންނަށް ލިބިގެންދާ ތަން ފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް، އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުދިއްލީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅުގެ ކުރިއަށް އޮތް 3 ދުވަހަކީ މުހިންމު ދުވަސްތަކެއް ކަމަށެވެ. އެގޮތުން ދެ ގައުމުގެ ގުޅުމުގެ ތެރެއިން ދިވެހިންނަށް ފައިދާހުރި ކަންތައްތަކެއް ފަހިވެގެންދާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ މީގެ ފުރިހަމަ ނަތީޖާ، ފޮނިމީރުކަން އަޅުގަނޑުމެން އެންމެންނަށް ލިބިގެންދާނެ ދުވަސްތަކަކަށް ވެގެންދާނެ.
މިއަދުން ފެށިގެން މި މަހުގެ 10 އަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސްގެ މި ދަތުރުފުޅަކީ މިދިޔަ ނޮވެމްބަރުމަހު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

