ދިވެހިންނަށް ފައިދާވާ ގޮތަށް ޚާރިޖީ ސިޔާސަތު މިހާރަށްވުރެ ފުރިހަމަކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުޢިއްޒު މިހެން ވިދާޅުވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް، އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުދިއްލީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ވަރަށް ގާތް ގުޅުމެއް ކަމަށާއި މި ދަތުރުފުޅާއެކު ޒަމާންވީ މި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށާއި، ދަތުރުފުޅާއެކު ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި އިތުރަށް ގާތްވާނެ ކަމަށެވެ.
މީގެއިތުރުން ރައީސްގެ ވާހަކަފުޅުގައި ވަނީ އިންޑިއާއަކީ ދިވެހިން ވަރަށް ގިނަ ބޭނުންތަކުގައި ގޮސް އުޅޭ ގައުމެއް ކަމަށާއި އޭގެތެރޭގައި ބޭސްފަރުވާއާއި ތައުލީމާއި ވިޔަފާރީގެ ބޭނުންތައް ހިމެނޭ ކަމަށެވެ.
ދިއްލީގައި ދިރިއުޅޭ ދިވެހިންނާ މުޚާތަބު ކުރައްވައި ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނު ގަސްތުކުރައްވަނީ ޚާރިޖީ ސިޔާސަތުގެ ފުރިހަމަ އެހީތެރިކަން ހުރިހާ ރައްޔިތުންނަށް ވެސް ލިބޭނެ ގޮތަކަށް މިހާރަށްވުރެ ފުރިހަމަކުރުން ކަމަށާއި، މި ސަރުކާރުގެ ސިޔާސަތު ބައްޓަންކޮށްފައިވާ ގޮތަކީ އެއީ ކަމުގައެވެ.
މިއަދުން ފެށިގެން މި މަހުގެ 10 އަށް ކުރައްވާ ރައީސް ކުރައްވާ މި ދަތުރުފުޅުގައި ދިއްލީގެ އިތުރުން މުމްބާއީއަށާއި ބެންގަލޫރަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސް ޑރ. މުޢިއްޒު، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާއި، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

