މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މެންދަމު 01:30 އާ ހަމައަށެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން މިއަދު ބުނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށާއި، ގަދަވަޔާއެކު ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

