އަމާޒަކީ ނިއުދިއްލީއަކީ އެކި ދާއިރާތަކުން ރާއްޖެ-އިންޑިއާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ހަބަކަށް ހެދުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް، އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނިއުދިއްލީގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ބޭނުންފުޅުވަނީ ހައިކޮމިޝަނުގެ ފަރާތުން މިހާރު ލިބޭ ކޮންސިއުލަރ އެހީތެރިކަމާއި އަދިވެސް މިހާރަށްވުރެ ރަނގަޅުކުރަން ހުރި ކަންކަމުގައި ކޮބައިތޯ ބެއްލެވުމަށް ކަމަށެވެ. އޭރުން އެކަންކަމަށް ރަނގަޅު ހައްލުތަކެއް ގެންނަވަން މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި އިންޑިއާގެ ވިޔަފާރިވެރިންނާއި ދެ ގައުމު ދޭތެރޭގަ މި އެކްސްޗޭންޖް އިތުރަށް ފުރިހަމަކުރުމަށްޓަކައި ގިނަކުރުމަށްޓަކައި ވިޔަފާރީގެ ގޮތުންނާއި އެކި ގޮތްގޮތުން މިތަނަކީ މުހިންމު ހަބެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރުން. ޓޫރިޒަމްގެ ދާއިރާއިން ވިޔަސް، ދަތުރުފަތުރުކުރުމުގެ ގޮތުން ވިޔަސް، ހުރިހާ ގޮތަކުން ވިޔަސް މި އިންޑިއާގަ މި ނިއުދިއްލީއަކީ އެކި ދާއިރާތަކުން ރާއްޖެއާ ދެ ގައުމު ދޭތެރޭ ގުޅުން ބަދަހިކުރުމުގެ މުހިންމު ތަނަކަށް ހެދުން. އެހެންވީމަ މި ކަން މިގޮތަށް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެންގެ ވިސްނުން.
މި ބައްދަލުވުމުގައި ރައީސް ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ވަގުތު ހޭދަކުރައްވައި، އެ ފަރާތްތަކުގެ އެކިއެކި ބޭނުންތަކާއި އިހުސާސުތައް އަޑުއައްސަވާފައެވެ.
ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި ވަނީ ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާއެކު ހަނދާނީ ފޮޓޯއެއް ވެސް ނަންގަވާފައިވެއެވެ.

