ކަންނެތްކަމަކީ ނުރަނގަޅު ސިފައެކެވެ. މި ކަމަށް ޙައްލެއް ހޯދުމަށް ޝަރުޢީ ނައްޞުތަކަށް ނަޒަރު ހިންގައިލުން ކިހިނެތްތޯއެވެ؟ އާދެ! ކަންނެތްކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންކަމަށް ބަލައިލާނަމެވެ.
މާތް ﷲ އަޅުގަނޑުމެން މި ދުނިޔެއަށް ފޮނުއްވެވި މަޤްޞަދު ހަނދާން އާކުރާށެވެ. އެއިލާހު ވަޙީކުރައްވައިފައި ވެއެވެ. ﴿وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ﴾ (الذاريات: ٥٦) މާނައީ: “ތިމަންރަސް-ކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސް-ކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.” މި މަޤްޞަދު ތާ އަބަދު ހަނދާނުގައި ބެހެއްޓުމީ ކަންނެތްކަމާ ދުރުކުރުވާނޭ ކަމެކެވެ.
މާތް ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ދުޢާކުރެއް-ވިއެވެ. «اللَّهُمَّ بَارِكْ لِأُمَّتِي فِي بُكُورِهَا» (ابن ماجه) މާނައީ: “އޭ ﷲ ! މި އަޅާގެ އުންމަތަށް، ދުވާލުގެ ކުރީކޮޅުގައި ބަރަކާތް ލައްވައިފާނދޭވެ.” ފަތިސް ނަމާދަށް ހޭލަން އާދަކުރާށެވެ. އޭގެ ފަހުން ނުނިދާށެވެ. އެ ވަގުތު ކުރާ ކޮންމެ މަސައްކަތަކީ އެ ކަމެއްގައި ބަރަކާތްލެއްވިގެން ވާ ކަމެކެވެ. ތަޖުރިބާކޮށްލާށެވެ!
ޒުމަރު ސޫރަތުގެ ނުވަ ވަނަ އާޔަތުގައި ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. “ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަ މީހުންނާއި، ނުދަންނަ މީހުން ހަމަހަމަވާނެހެއްޔެވެ؟” ޢިލްމު އުނގެނުމަށް މަސައްކަތްކުރުމަކީ މީހާގެ ކަންނެތްކަން ފިލުވައިލަން ހިތްވަރު ލިބޭ ކަމެކެވެ. ޢިލްމު އުނގެނުމަށް ވަގުތު ދެއްވި ބޭބޭކަލުންގެ ވާހަކަތައް ކިޔާލުމުން އެކަން އެނގިގެންދާނެއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި، ޙާޞިލުކުރަން ބޭނުން ކަންކަން ދުރައިލާ ރާވާ، އެ ކަންކަމަށް އަމާޒެއް ކަނޑައަޅައި މަސައްކަތް ކުރުމީ ވެސް ކަންނެތްކަމާ ދުރުވެވޭ ސަބަބެކެވެ.
ހަމައެހެންމެ، ވަގުތުގެ މުހިންމުކަން ހަނދާނުގައި ބަހައްޓާށެވެ! އަލް-ޢަޞްރު ސޫރަތުގައި ވަގުތު ގަންދެއްވައި ﷲ ބަސްވަޙީކުރެއްވިއެވެ. ގެއްލުމާއި ހަލާކުގެ ތެރެއަށް ދިޔަ ނުދީ ދިރިއުޅުން ބައްޓަންކުރަންވީ ގޮތް ބަޔާންކުރެއްވިއެވެ. މި ކަމުގެ މުހިންމު ނުކުތާއަކީ ވަގުތަކީ އަނބުރާ ލިބޭނޭ އެއްޗެއް ނޫންކަން ބަޔާންކޮށްދެއްވުމެވެ. އެކަން ހަނދާނުގައި ބެހެއްޓުމީ ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް މަގުފަހިކުރުވާނޭ ކަމެކެވެ.
ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. «نِعْمَتَانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ الصِّحَّةُ وَالْفَرَاغُ» (البخاري) މާނައީ: “މީސްތަކުންގެ ތެރެއިން ގިނަ މީހުން ޣާފިލުވެ (ބޭކާރު ގޮތްގޮތުގައި ހޭދަކޮށް ގެއްލުވައިލާ) ދެ ނިޢުމަތެއް ވެއެވެ. އެއީ (ފުރިހަމަ) ޞިއްޙަތާއި ހުސްވަގުތެވެ.” ހަށިގަނޑުގެ ދުޅަހެޔޮކަން ދަމަހައްޓަން މަސައްކަތްކުރަން ޖެހެއެވެ. ފައިދާހުރި ކާނާ ކެއުމާއި ހެލިފެލިވެ އުޅުމާއި ކަސްރަތު ލިބޭނޭ ކޮންމެވެސް ކަމެއް ކުރުމަށް ވަގުތު ދޭން ޖެހެއެވެ. މިއީ ވެސް މީހާގެ ކަންނެތްކަން ފިލުވާ ކަމެކެވެ.
ކަންނެތްކަމުން ސަލާމަތްކޮށްދެއްވުން އެދި މާތް ﷲ ގެ ޙަޟްރަތަށް ދުޢާކުރުމަކީ ވެސް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެ ގޮތުން ޞަޙީހުލް ބުޚާރީގައި ރިވާވެފައިވާ މި ދުޢާ ދަސްކުރުން މުހިންމެވެ. ((اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْجُبْنِ، وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ)) މާނައީ: “އޭ ހައްދަވާ ގެންގުޅުއްވާ އިލާޙު! ހަމަކަށަވަރުން، ފިކުރު ބޮޑުވުމުންނާއި، ހިތާމައިންނާއި، ނުކުޅެދުމުންނާއި، ކަންނެތްކަމުންނާއި، ބަޚީލުކަމުންނާއި، ފިނޑިކަމުން-ނާއި، ދަރަނީގެ ބުރައިންނާއި، މި އަޅާގެ މައްޗަށް މީސްތަކުން ގަދަވެގަތުމުން ރައްކާތެރިކޮށްދެއްވުން އެދި އިބަ، ﷲ ގެ ހަޟްރަތުން ދަންނަވަމެވެ.” މިފަދަ ދުޢާތައް ދަސްކުރާށެވެ. މިއީ ވެސް ކަންނެތްކަން ފިލައި ހިނގައިދާނޭ ސަބަބެކެވެ.
މީގެ އިތުރުން ވެސް ކަންނެތްކަމުން ސަލާމަތްވުމަށް ކުރެވޭނޭ ކަންކަމުގެ ތެރޭގައި ބޮޑެތި ކަންކަން ބައިބަޔަށް ބަހާލައިގެން ކުރެވޭތޯ ބެލުމާއި، މުރާލި މީހުން އެކުވެރީންގެ ގޮތުގައި ޚިޔާރުކުރުމާއި މަރު ހަނދާންކުރުން ހިމެނެއެވެ.
މައުލޫމާތު: مُحَمَّد سَمُوْح سَعِيْد ދީނުގެމަގު

