މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން 19 ދުވަހުގެ ތެރޭގައި 6693 އުޅަނދު ބަލައި ފާސްކޮށް، 482 އުޅަނދަކާމެދު ފިޔަވަޅު އަޅާފައިިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ސެޕްޓެންބަރު 12 އިން 30 އަށް ހުޅުމާލޭގައި ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.
އެގޮތުން އެ މުއްދަތުގައި ކުރިއަށްގެންދިޔަ ޓްރެފިކް އޮޕަރޭޝަންތަކުގައި 1266 ކާރާއި، 5427 ސައިކަލު ހުއްޓުވާފައިވާއިރު، 88 ކާރާއި، 394 ސައިކަލާމެދު ވަނީ ފިޔަވަޅު އަޅާފައެވެ.
މީގެއިތުރުން ނުރައްކާތެރިކޮށް ދުއްވައިގެން 43 އުޅަނދު ހުއްޓުވާފައިވާއިރު، ލައިސެންސް ނެތި ދުއްވައިގެން 112 އުޅަނދު ވަނީ ހިފަހައްޓައިފައެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން 55 އުޅަނދެއް ދުއްވި މީހުންނަށް ނަސޭހަތް ދިނުމަށްފަހު ވަނީ ދޫކޮށްލައިފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި މާލެއާއި ހުޅުމާލޭގެ މަގުތަކަކީ ރައްޔިތުންނަށް ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން ޚާއްސަ މަސައްކަތްތަކެއް ފެށީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުފުޅުގެ ދަށުންނެވެ.
މި މަސައްކަތުގެ ތެރެއިން ކާރުބާރު ބޮޑުވާ މަގުތަކާއި، ސިނަމާލެ ބްރިޖުު ފެށޭ އަދި ނިމޭ ހިސާބުގެ އިތުރުން އެއާޕޯޓު ޓްރެފިކް ލައިޓު ކައިރިއާއި، ހުޅުމާލެ ސެންޓްރަލް ޕާކު ހިމެނޭ ސަރަހައްދާއި، ސްކޫލުތައް ހިމެނޭ ސަރަހައްދުތަކާއި، އެހެނިހެން ހިސާބުތަކުގެ މަގުތައް ތަރުތީބުކުރުމާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެއެވެ.

