ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އުތުރާއި މެދުރާއްޖެތެރެއަށް ރީނދޫ ސަމާލު ނެރެފިއެވެ.
މިއަދު 10:00 އިން ފެށިގެން މެންދުރުފަހު 14:00 އަށް ރީނދޫ ސަމާލު ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން އދ.އަތޮޅަށެވެ.
އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ވަނީ ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލު ނެރެފައެވެ. ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، އެ ސަރަހައްދަށް ސަމާލު ނެރެފައިވަނީ 10:00 އިން މެންދުރުފަހު 14:00 އަށެވެ.
ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، މޫސުން ގޯސްވުމުގެ ސަބަބުން ކަމާބެހޭ އިދާރާތަކުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރުތަކަށް ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއި ވިއްސާރައާއެކު އާންމު ރައްޔިތުންގެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކުރުމަށް ެވެސް ވަނީ އިލްތިމާސްކޮށްފައެވެ.

