ކޮންޓްރެކްޓަރ ރަޖިސްޓްރޭޝަން ގަވާއިދަށް ގެނެވޭ 5 ވަނަ އިސްލާހާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްއާއެކު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހިމް ނަޒީމާއި، މިނިސްޓްރީގެ އިސް އޮފިޝަލުންނާއި ޓެކްނިކަލް ޓީމުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ އޮފިޝަލުންނާއެކު ކޮންޓްރެކްޓަރ ރަޖިސްޓްރޭޝަން ގަވާއިދަށް ގެނެވޭ 5 ވަނަ އިސްލާހުގެ ޑްރާފްޓާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމުގައި ވަނީ ބާއްވައިފައެވެ.
އެ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް އައިޝަތު އަލީ އަދި ޑިވެލޮޕްމަންޓް އެންވަޔަރަންމަންޓް އެންޑް މޮނިޓަރިންގ ޑިރެކްޓަރ އައިޝަތު ޒިލްމާ އާއި އެންވަޔަރަންމަންޓް އޮފިސަރ މުޙައްމަދު ސިނާން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ކޮންޓްރެކްޓަރ ރަޖިސްޓްރޭޝަން ގަވާއިދަށް ގެނެވޭ 5 ވަނަ އިސްލާހުގެ ޑްރާފްޓާ ގުޅުންހުރި ކަންކަމާއިގުޅޭގޮތުން މަޝްވަރާކުރުމެވެ. މިގޮތުން އިސްލާހުގެ މައިގަނޑު ކަންކަމުގެ ތެރޭގައި ޕްރޮޖެކްޓް ލައިސަންސް ހުށަހެޅުމުގެ މިހާރުގެ ނިޒާމާއި، ބޭރުގެ ކޮންޓްރެކްޓަރުން ރަޖިސްޓްރީކުރުމުގެ މިންގަނޑުތައް މުރާޖަޢާކޮށް، އިޞްލާހުކުރުން ހިމެނިގެންދިޔައެވެ.
މީގެ އިތުރުން ޢިމާރާތްކުރުމުގެ ސިނާޢަތުގެ ހިންގުން ހަރުދަނާކުރުމާއި، ޚިދުމަތް ދިނުމުގެ ނިޒާމު ހަލުވިކުރުންވެސް ހިމެނިގެން ދިޔައެވެ. އެ ބައްދަލުވުމުގައި ދެ މިނިސްޓްރީގެ އިސް އޮފިޝަލުންވެސް ހުށައެޅުނު އިސްލާހުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ވެއެވެ. އަދި މި އިސްލާހުތައް ގެނެވިގެން ދިއުމުން ޢިމާރާތްކުރުމުގެ ސިނާޢަތަށް ކުރާނެ އަސަރުތަކާއި ލިބޭނެ މަންފާތަކާއި ބެހޭގޮތުންވެސް އަލިއަޅުއްވާލެއްވިއެވެ.

