ހުޅުމާލޭގައި އަލަށް އިމާރާތްކުރާ ޕާކިން ޢިމާރާތުން ވިއްކާ ސްލޮޓްތަކަކީ ގަރާޖު ސިޓީއާއެކު ދާއިމީކޮށް ލިބޭނެ ސްލޮޓްތަކެއްކަމަށް މިނިސްޓަރ މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން ވިދާޅުވީ އަލަށް އިމާރާތްކުރާ ބިލްޑިންގް ޤާނޫނުގައި އޮންނަ ގޮތަށް ވެހިކަލް ރެޖިސްޓްރީކުރެވޭނެ ކަމަށެވެ.
“ވަރަށް ބޮޑު މައްސަލައެއް ގަރާޖު ސިޓީ މައްސަލައަކީ. މިއާއެކު އެކަމަށްވެސް ބޮޑު ޙައްލެއް ލިބޭނެ. އެ ސްލޮޓަށް ގަރާޖު ސިޓީ ނެގޭނެ.” މިނިސްޓަރ ވިދާޅުވިއެވެ.
އެ އިމާރާތުގައި ޖުމްލަ 3920 ކާރު ޕާކިންގ އަދި 3426 ސައިކަލު ޕާކިންގ ޖާގަ ހިމެނޭނެ ކަމށާއި، މީގެ ތެރެއިން 90 ޕަސެންޓަކީ ބީލަމުގައި ވިއްކުމަށް ކަނޑައަޅާ ސްލޮޓްތަކެއް ކަމަށެވެ. އަދި 10 ޕަސެންޓަކީ ވިޒިޓަރ ޕާކިންގ ނުވަތަ ވަކި ވަގުތަކަށް ޕާކުކުރުމަށް ދޫކުރާ އޭރިއާގެ ގޮތުގައި ކަނޑައަޅާފައިވާ ސްލޮޓްތަކެއް ކަމަށް ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަ ޕާކިންގ ޖާގަތަކެއްވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ އަމާޒަކީ ވީހާވެސް ކުޑަ އަގެއްގައި ސްލޮޓްތައް ދޫކުރުންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. އަދި މި މަޝްރޫޢުގެ މުޅި މަސައްކަތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ދަނީ މަސައްކަތްކުރަމުން ކަމަށާއި، މި ޕާކިންގ އިމާރާތް ނިމުމުން، މާލޭގައި ދިމާވެފައިވާ ޕާކިންގ ދަތިކަމަށް ބޮޑު ލުޔެއް ލިބި، ގަރާޖު ސިޓީގެ މައްސަލައަށްވެސް ޙައްލެއް ލިބިގެންދާނެކަމަށެވެ.

