ޤާނޫނާ ޚިލާފަށް ގަރާޖު ސިޓީ ވިއްކައިފައިވާ މައްސަލަ ބޮޑުވެފައިވ ކަމަށާއި، ބްލެކް މާކެޓުން އަގުބޮޑުކޮށް ގަނެފައިވާ ގަރާޖު ސިޓީގެ ބޭނުމެއް މިހާރު ނުހިފޭނެ ކަމަށް ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން ވިދާލުވީ ބްލެކް މާކެޓުން އަގުބޮޑުކޮށް ގަރާޖު ސިޓީ ގަނެފައިވާ ފަރާތްތަކަށް އެކަމުގެ އެއްވެސް ފައިދާއެއް ނުކުރާނެ ކަމަށެވެ.
ބުރާސްފަތި ދުވަހު ޕާކިންގ ބިލްޑިންގަތައް އެޅުމަށްޓަކައި ފަހުމުނާމާގައި ސޮއިކުރަމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ގިނަ އަދަދެއްގެ ފަރާތްތަކުން ގުޅިގެން ޤާނޫނާ ޚިލާފަށް ގަރާޖު ސިޓީ ވިއްކައިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން މާލެ ސަރަހައްދުގައި ވެހިކަލް ތޮއްޖެހުމުގެ މައްސަލަ އިތުރަށް ގޯސްވެފައިވާކަމަށެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި މި މިނިސްޓްރީއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައި ކަމަށާއި، އެގޮތުން މިހާރު ކާރު ރަޖިސްޓްރީ ކުރަން ހުށަހަޅާއިރު ގަރާޖު ފިޒިކަލީ ޗެކުކުރުން ހިމެނޭ ކަމަށެވެ. މިގޮތަށް ކަންކުރުމުން ގަރާޖު ސިޓީ ބޭނުންކޮށްގެން ޤާނޫނާ ޚިލާފަށް ކާރު ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހަނިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
މި ފިޔަވަޅުތަކުގެ ސަބަބުން މާލޭގައި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ލިބި މާލޭގެ މަގުތަކަކީ ރައްކާތެރި ތަނެއްކަމުގައި ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

