ދިވެހިރާއްޖެއިން އިންޑިއާއާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހުއެވެ.
މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ފިނޭންސް މިނިސްޓްރީގެ ސެކްރެޓަރީ ޝްރީ އަޖޭ ސެތުއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހިވެގެންދާނެއެވެ. އެއީ ޑޮލަރާއި ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ.
އެގޮތުން ފްރޭމްވަރކް އޮފް ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2024-2027 ގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކިފަހަރު މަތިން ސްވޮޕް ނެގޭނެއެވެ.

