ދިވެހިރާއްޖެއިން އިންޑިއާއާއެކު ކަރަންސީ ސްވޮޕް އެއްބަސްވުމާއެކު ޖުމްލަ 5 އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހުއެވެ.
މިއަދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން އެންމެ މުހިންމު އެއްބަސްވުމަކީ އިންޑިއާއާއެކު އެކުލަވައިލި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމެވެ. މި އެއްބަސްވުން އެކުލަވާލައިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި، އިންޑިއާގެ ރިސަރވް ބޭންކާ ދެމެދުގައެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހިވެގެންދާނެއެވެ. އެއީ ޑޮލަރާއި ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ. އެގޮތުން ‘ފްރޭމްވަރކް އޮފް ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2024-2027’ ގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކިފަހަރު މަތިން ސްވޮޕް ނެގޭނެއެވެ.
މިއަދު އެކުލަވައިލި އިތުރު އެއްބަސްވުންތަކުގެ ތެރޭގައި ކޯޕަރޭޝަން ބިޓްވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓާއި ރާޝްތްރިޔާ ރަކްޝާ ޔުނިވަރސީޓީއާ ދެމެދު އެކުލަވައިލި އެއްބަސްވުމާއި، ކޮރަޕްޝަން މަދުކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމުގެ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު ގާއިމުކުރެވުނު އެއްބަސްވުން ހިމެނެއެވެ.
މީގެއިތުރުން ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީނުކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާއާ ދެމެދު ގާއިމުކުރެވުނު އެއްބަސްވުމާއި، އެކްސްޓެންޝަން އޮފް މެމޮރަމްޑަން އޮފް އަންޑަސްޓޭންޑިންގ ބިޓްވީން މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް ހިމެނެއެވެ.

