އިންޑިއާގެ އެހީގައި ހަދާފައިވާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ރަންވޭ އިފުތިތާހުކޮށް، އިންޑިއާގެ އެގްޒިމް ބޭންކްގެ ކްރެޑިޓް ފެސިލިޓީގައި ހަދާފައިވާ 700 ފުލެޓު މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.
މިކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައެވެ.
ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓުގައި ވަނީ ހަނިމާދޫ އެއާޕޯޓުގެ ރަންވޭ އިފުތިތާހުކޮށްދެއްވައި، ހުޅުމާލޭގައި ތަރައްގީކޮށްފައިވާ 700 ފުލެޓު ދިވެހި ސަރުކާރާ ހަވާލުކޮށްފައެވެ.
މީގެއިތުރުން ރާއްޖޭގައި ރުޕޭ ކާޑު ބޭނުންކުރުން ވެސް އިފުތިތާހުކޮށްދެއްވިއެވެ.
ހަމައެއާއެކު ދެ ގައުމުގެ ދެމެދުގައި ފައިސާ ބަދަލުކުރުމުގެ އެއްބަސްވުމެއްގެ އިތުރުން އިތުރު 4 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ރައީސް ޑރ. މުޢިއްޒު އޮކްޓޯބަރުމަހުގެ 6 އިން 10 އަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާއި ސަރުކާރުގެ އިސް ވެރިންގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެހުމާންދާރީގެ ހުރިހާ ކަމެއް ހަމަޖައްސަވަނީ އިންޑިއާ ސަރުކާރުންނެވެ.

