މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) ގައި ބޭނުންކުރާ ޑޮޕްލަރ ވެދަރ ރާޑަރު މަރާމާތުކުރުމަށްފަހު އަލުން ބޭނުންކުރަން ފަށައިފިއެވެ.
މެޓް އޮފީހުން މިއަދު ބުނީ ޑޮޕްލަރ ވެދަރ ރާޑަރަށް ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލު ނުކުރެވިި ގިނަ ދުވަސްތަކަކަށްފަހު މަރާމާތުކޮށް މިއަދު ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.
މި ރާޑަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މޫސުން ބެލުމަށް ބޭނުންކުރެވޭފަދަ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކުރާ ރާޑަރެއް ކަމަށާއި، މި ރާޑަރު ބޭނުންކޮށްގެން ހުޅުލެއިން ފެށިގެން ގާތްގަނޑަކަށް 250 ކިލޯމީޓަރުގެ ރޭޑިއަސްގެތެރޭގައި ހިނގާ މޫސުމާބެހޭ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަނެވޭނެ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ބުނީ މި ރާޑަރުގެ އެހީގައި ވާރޭވެހެމުންދާ ސަރަހައްދާއި ވާރޭވެހެމުންދާ ބޯމިނާއި ވާރޭވެހޭ ވިލާގަނޑު ދަތުރުކުރަމުންދާ މިސްރާބާއި، ބާރުމިންފަދަ މައުލޫމާތުތައް ބަލައިލެވި، ވިލާގަނޑު ވަކި ސަރަހައްދަކަށް ލައްވާލާނެ ކަމަށް އަންދާޒާކުރެވޭ ވަގުތު (ނައުކާސްޓިންގ) ދެނެގަނެވޭނެ ކަމަށެވެ. އަދި އެކި ފަށަލަތަކުގައިޖެހޭ ވައިިގެ މައުލޫމާތު ދެނެގަނެވޭނެ ކަމަށެވެ.
މިއީ މޫސުން ކުރިއަށް ލަފާކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ފޯރުކޮށްދެވޭ ވަރަށް މުހިންމު މައުލޫމާތުތަކަކަށްވެގެންދާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި މި ރާޑަރު ގިނަ ދުވަސްތަކަކަށް ބޭނުންކުރެވޭ ގޮތަށް މަރާމާތު ކުރުމާއި، ރާޑަރު ނެޓްވޯކް ފުޅާކޮށް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ރާޑަރު ބަހައްޓާ މޫސުން ބެލުމާއި، ދުރާލައި އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްގެންދެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.

