އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދެވީ އިންޑިއާގެ ރައީސްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައެވެ.
އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން 2021 ވަނަ އަހަރު ވެސް ދެ ގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ކުރެވުނެވެ. އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އިންޑިއާއިން އޭރު ހުށަހެޅި ހުށަހެޅުމަށް އައްޑޫ ސިޓީ ކައުންސިލުން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.
ރައީސް ޑރ. މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ވެސް މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި މިއަދު ވަނީ ރަސްމީ ވާހަކަތައް ވެސް ބާއްވައި، ދެ ގައުމުގެ ދެމެދުގައި 5 އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.

