{ގެސްޓޭޝަނަލް ޑައިބެޓީސް (ނުވަތަ މާބަނޑުއިރުގެ ޑައިބެޓީސް) އަކީ ކުރިން ޑައިބެޓީސް ނެތް އަންހެނަކަށް މާބަނޑުވުމުގެ ތެރޭގައި ލޭގައި ހުންނަ ހަކުރުގެ މިންވަރު މައްޗަށް ދިއުމުގެ ސަބަބުން ޖެހޭ ބައްޔެކެވެ. ގެސްޓޭޝަނަލް ޑައިބެޓީސް ނުވަތަ މާބަނޑު ޑައިބެޓީސްގެ ސަބަބުން ގިނަ އަލާމާތްތަކެއް ނުފެނުނު ކަމުގައިވިޔަސް، މިބަލީގެ ސަބަބުން ޕްރީ-އެކްލެމްޕްސިއާ (ލޭގެ ޕްރެޝަރު މަތިވުން)، ކަންބޮޑުވުން (ޑިޕްރެޝަން) އަދި ސީޒޭރިއަން ސެކްޝަން (އޮޕަރޭޝަން) އަށް ދާންޖެހުމުގެ ފުރުސަތު އިތުރުވެއެވެ.}
މާބަނޑުވުމަކީ އަންހެނުންގެ ހަޔާތުގައި އަންނަ އެންމެ އުފާވެރި އަދި ހަމައެހާމެ ޒިންމާދާރު މަރުހަލާއެވެ. މި މުހިންމު ދަނޑިވަޅުގގައި، ގިނަ އަންހެނުން އެމީހުންގެ ދިރިއުޅުމުގެ އާދަތަކަށް ބަދަލުތަކެއް ގެންނައެވެ. ނަމަވެސް، މި މަރުހަލާގައި ސަމާލުކަން ދޭންޖެހޭ އެއް ކަމަކީ ހަކުރު ބަލި ނުވަތަ ގެސްޓޭޝަނަލް ޑައިބެޓީސް މެލިޓަސް (ޖީ.ޑީ.އެމް) އެވެ.
ގެސްޓޭޝަނަލް ޑައިބެޓީސް މެލިޓަސް – ޖީޑީއެމް
ޖީ.ޑީ.އެމް އަކީ މާބަނޑުވުމަށްފަހު 3 މަހާއި 9 މަހާ ދެމެދު ފާހަގަކުރެވޭ ހަކުރުބައްޔެކެވެ. މި ބަލި ޖެހޭ އަންހެނުންނަކީ މީގެ ކުރިން ހަކުރުބަލީގެ އަލާމާތެއް ނުފެނި ތިބި މީހުންނެވެ. އެމެރިކަން ޑައިބެޓީސް އެސޯސިއޭޝަނުގެ މެޑިސިން ޑޮކްޓަރ މައިކަލް ޑޭންސިންގަރގެ ބަހުން، ގިނަ ފަހަރަށް ވިހެއުމަށްފަހު މި ބަލި ފިލައިގެން ދެއެވެ.

ޖީ.ޑީ.އެމް އަކީ މާބަނޑުވުމަށްފަހު 3 މަހާއި 9 މަހާ ދެމެދު ފާހަގަކުރެވޭ ހަކުރުބައްޔެކެވެ………..ފޮޓޯ:ފްލިކަރ
ޖީ.ޑީ.އެމް ޖެހެނީ ކީއްވެ؟
މާބަނޑުވުމާއެކު ރަހިމުގައި މަސް އަށަގަތުމާއި، އެ މަހުން އުފައްދާ ހޯމޯންތަކުގެ ސަބަބުން ހަށިގަނޑުގެ އިންސުލިން އުފެއްދުމަށް ބުރޫއަރައެވެ. މީގެ ސަބަބުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ބޮޑުވެއެވެ. މި ހޯމޯންތަކުގެ ތެރޭގައި ހިމެނެނީ:
- ގުރޯތު ހޯމޯން
- ކޯޓިކޯ ޓްރޮފިން ރިލީޒިން ހޯމޯން
- ޕްލެސެންޓަލް ލެކްޓޮޖަން
- ޕްރޮލެކްޓިން
- ޕްރޮޖެސްޓްރޯން
- މި ހޯމޯންތަކުގެ އަސަރު އެންމެ ބޮޑަށް ފެންނަނީ މާބަނޑުކަމުގެ ފަހު 3 މަސް ދުވަހުގެ ތެރޭގައެވެ.
މާބަނޑުކަމުގެ އެހެނިހެން ބަދަލުތައް:
މާބަނޑުވުމާއެކު ހަށިގަނޑަށް އަންނަ އެހެނިހެން ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
- ވަރުބަލިވުމާއި ވަރުދެރަވުން
- ހަނދާން ކުޑަވުން
- މޫޑު ސްވިންގްސް ނުވަތަ އަވަސްއަވަހަށް މޫޑު ބަދަލުވުން
- ހަށިގަނޑުގެ ސައިޒަށް އަންނަ ބަދަލުތައް
- ނިޔަފަތި، އިސްތަށިގަނޑު އަދި ހަމަށް އަންނަ ބަދަލުތައް

ޖީޑީއެމް އަކީ ދުނިޔޭގައި ވަރަށް އާންމު ބައްޔެއް………ފޮޓޯ:ފްލިޖަރ
މާބަނޑުވުމަކީ އުފާވެރި ވަގުތުތަކެއް ކަމުގައިވީ ނަމަވެސް، ޞިއްޙީ ގޮތުން ސަމާލުވާންޖެހޭ ދަނޑިވަޅެކެވެ. ހާއްސަކޮށް ޖީ.ޑީ.އެމް ފަދަ ބަލިތަކަށް ސަމާލުވެ، ގަވާއިދުން ޑޮކްޓަރަށް ދެއްކުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން، އައި.ޖީ.އެމް.އެޗްގެ ފިޒިޝަން ޑޮކްޓަރ މުޙައްމަދު ޢަލީ ވިދާޅުވާ ގޮތުގައި، މާބަނޑު މީހުން ގަވާއިދުން ލޭގެ ހަކުރު މިންވަރު ބަލަހައްޓަން ޖެހެއެވެ. މިކަންކަމަށް ސަމާލުވުމަކީ މަންމައާއި ދަރިފުޅުގެ ދުޅަހެޔޮކަމަށް ވަރަށް މުހިންމު ކަމެކެވެ.
ޖީޑީއެމް ކޮންޓްރޯލް ކުރުމުގެ މުހިންމުކަން
ޖީޑީއެމް ރަނގަޅަށް ކޮންޓްރޯލް ނުކުރެވިއްޖެނަމަ، މަންމައަށާއި ދަރިފުޅަށް ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ ތެރޭގައި….
- ވިހެއުމުގައި ދަތިތަކާ ކުރިމަތިވުން
- ދަރިފުޅުގެ ބަރުދަން އާދަޔާ ހިލާފަށް ބޮޑުވުން
- ވިހެއުމަށްފަހު ދަރިފުޅަށް ހަކުރު ދަށްވުމުގެ މައްސަލަ ދިމާވުން
- މަންމައަށް ފަހުން ޓައިޕް 2 ޑައިބެޓީސް ޖެހުމުގެ ފުރުސަތު އިތުރުވުން
ޖީ.ޑީ.އެމް ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތައް:
- ކެއުމުގެ އާދަތައް ބަދަލުކުރުން: ހަކުރު މަދު، ފައިބަރު ގިނަ ކާނާ ކެއުން.
- ގަވާއިދުން ކަސްރަތު ކުރުން: ޑޮކްޓަރުގެ ލަފާގެ މަތިން އެކަށީގެންވާ ވަރަށް ހަރަކާތްތެރިވުން.
- ބަރުދަން ބެލެހެއްޓުން: ޞިއްޙަތަށް ރަނގަޅު މިންވަރެއްގައި ބަރުދަން ހިފެހެއްޓުން.
- ގަވާއިދުން ލޭގެ ހަކުރު މިންވަރު ބެލުން: ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ގަވާއިދުން ޓެސްޓުކުރުން.
- ބޭސް ބޭނުންކުރުން: ބައެއް ހާލަތްތަކުގައި ޑޮކްޓަރުގެ ލަފާގެ މަތިން އިންސުލިން ނުވަތަ އެހެނިހެން ބޭސް ބޭނުންކުރުން.
މާބަނޑު ދުވަސްވަރަކީ އުފާވެރި، ނަމަވެސް ޒިންމާދާރު ކަމާއެކު ކަންކަން ބަލަހައްޓަން ޖެހޭ ދުވަސްވަރެކެވެ. ޖީޑީއެމް ފަދަ ބަލިތަކަށް ސަމާލުވެ، ގަވާއިދުން ޑޮކްޓަރަށް ދެއްކުމާއި، ސިއްހީ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަކީ މަންމައާއި ދަރިފުޅުގެ ދުޅަހެޔޮކަމަށް ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. މިގޮތުން، ކޮންމެ މާބަނޑު އަންހެނަކުވެސް އަމިއްލަ ސިއްހަތަށާއި ދަރިފުޅުގެ ދުޅަހެޔޮކަމަށް އިސްކަންދީ، ރައްކާތެރި އަދި އުފާވެރި، ދުޅަހެޔޮކަމާއެކު މިދުވަސްތައް ހޭދަކުރުމަށް މަސައްކަތްކުރަންވާނެއެވެ.

ޖީޑީއެމް ފަދަ ބަލިތަކަށް ސަމާލުވެ،،ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށަަް އަމަލުކުރުން……..ފޮޓޯ:އައިސްޓޮކް
ޖީޑީއެމް އަކީ ދުނިޔޭގައި ވަރަށް އާންމު ބައްޔެއްގެ ގޮތުގައި ފާހަގަކުރެވެއެވެ. މުޅި ދުނިޔޭގެ އެވްރެޖް ނިސްބަތުން 17 އިން ސައްތަ މީހުންނަށް މި ބަލި ޖެހޭއިރު، ސަރަޙައްދީ ގޮތުން ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެއެވެ. މިސާލަކަށް، ނޯތު އެމެރިކާގައި 10 އިން ސައްތަ މީހުންނަށް މި ބަލި ޖެހޭއިރު، ދެކުނު އޭޝިޔާގައި 25 އިން ސައްތަ މީހުންނަށް މި ބަލި ޖެހޭކަން ފާހަގަކުރެވެއެވެ
ޖީޑީއެމްގެ ސަބަބުން ކުރުމުއްދަތުގައި ދިމާވެދާނެ އެކި މައްސަލަތައް ވަނީ ފނީ ފާހަގަކުރެވިފައެވެ. މީގެ ތެރޭގައި މާބަނޑުއިރު ލޭމައްޗަށް ދިއުމާއި، ދަރިފުޅުގެ ބަރުދަން ބޮޑުވުމާއި، ވިހެއުމުގައި މަންމަ ނުވަތަ ދަރިފުޅަށް އަނިޔާވުން ހިމެނެއެވެ. މީގެ އިތުރުން، ސިޒޭރިއަން ހަދަން ޖެހުމާއި، ވިހެއުމުގެ ތެރޭގައި ދަރިފުޅު މަރުވުމުގެ ފުރުސަތު އޮތުމާއި، ކުޑަދަރިފުޅުގެ ހިތުގެ މަސްތައް ބޯވުން ފަދަ މައްސަލަތައްވެސް ކުރިމަތިވެދާނެއެވެ. އަދި ވިހެއުމަށްފަހު ތުއްތު ދަރިފުޅަށް ދިމާވެދާނެ އެކިއެކި ޞިއްޙީ މައްސަލަތަކާއި، ބަނޑުގައި އޮންނަ ދަރިފުޅުގެ ވަށައިގެން އުފެދޭ ފެން ގިނަވުން ފަދަ ކަންކަންވެސް ހިމެނެއެވެ.
ދިގު މުއްދަތުގައި ޖީޑީއެމްގެ ސަބަބުން މަންމައަށާއި ދަރިފުޅަށް ދިމާވެދާނެ މައްސަލަތަކެއްވެސް ވަނީ ފާހަގަކުރެވިފައެވެ. މަންމައަށް މުސްތަގުބަލުގައި ހަކުރުބަލި ޖެހުމާއި ހިތާއި ލޭނާރުގެ ބަލިތައް ޖެހުމުގެ ފުރުސަތު އިތުރުވާއިރު، ދަރިފުޅަށް ފަލަވުމާއި، ހަކުރުމަތިވުމާއި، އޯޓިޒަމް ޖެހުމަށް މަގުފަހިވުން ފަދަ ނާރުގެ އުނދަގޫތައް ކުރިމަތިވުމުގެ ފުރުސަތު އޮވެއެވެ.
ޖީޑީއެމް ޖެހުމުގެ ރިސްކް ފެކްޓަރުތަކުގެ ތެރޭގައި މާބަނޑުވުމުގެ ކުރިން އޮވަން ސީ 5.7 އަށްވުރެ މަތިވުމާއި، ކުރިން ޖީ.ޑީ.އެމް ޖެހިފައިވުމާއި، ޢާއިލާގައި ހަކުރުބަލި ހުރުން ހިމެނެއެވެ. މީގެ އިތުރުން، މާބަނޑުވުމުގެ ކުރިން ބީ.އެމް.އައި 30 އަށްވުރެ މަތިވުމާއި، މައިމީހާގެ އުމުރު 40 އަހަރަށްވުރެ މަތިވުމާއި، ޕީ.ސީ.އޯ.އެސް ހުރުމާއި، ކުރިން 4 ކިލޯއަށްވުރެ ބަރު ދަރިއެއް ލިބިފައިވުން ފަދަ ކަންކަން ހިމެނެއެވެ.

ކެއުމަށް ހާއްސަ ސަމާލުކަންދޭންވާނެ……….ފޮޓޯ:ޝަޓާސްޓޮކް
މާބަނޑުއިރު ހަކުރު ހުންނަންވާ މިންގަނޑުތައް:
- ހުސްބަނޑާ: 95 މިލިގްރާމް/ޑީއެލް އަށްވުރެ ދަށް
- ކެއުމަށްފަހު 1 ގަޑިއިރު: 140 މިލިގްރާމް/ޑީއެލް އަށްވުރެ ދަށް
- ކެއުމަށްފަހު 2 ގަޑިއިރު: 120 މިލިގްރާމް/ޑީއެލް
ވިހެއުމަށްފަހު ހަކުރު ޓެސްޓު ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ވިހެއުމަށްފަހު 4-12 ހަފުތާގެ ތެރޭގައި ގުލްކޯޒް ބޮއިގެން އަލުން ހަކުރު ޓެސްޓު ކުރުމަކީ ހަށިގަނޑަށް އައިސްފައިވާ ބަދަލުތައް ދެނެގަތުމަށާއި، ހަކުރުބަލި ދެމިގެންދޭތޯ ބެލުމަށް ކުރާ ޓެސްޓެކެވެ.
ގެސްޓޭޝަނަލް ޑައިބެޓީސް މެލިޓަސް (ޖީ.ޑީ.އެމް) އަކީ މާބަނޑު އަންހެނުންގެ މެދުގައި ވަރަށް އާންމު ބައްޔެކެވެ. މި ބަލި ރަނގަޅަށް ބަލަހައްޓައި، ކޮންޓްރޯލް ނުކޮށްފިނަމަ، މަންމައަށާއި ދަރިފުޅަށް ކުރު އަދި ދިގު މުއްދަތުގެ ނޭދެވޭ އަސަރުތަކެއް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، މާބަނޑު އަންހެނުން މި ބައްޔަށް ސަމާލުވެ، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ވަރަށް މުހިންމު ކަމެކެވެ.

ޖީޑީއެމް އާމެދު ސަމާލުވެ ހުރުން މުހިންމު…….ފޮޓޯ:ފްލިކަރ
މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި، ގަވާއިދުން މެޑިކަލް ޗެކަޕްތަކަށް ދިއުމާއި، ރަނގަޅު ކާނާ ކެއުމާއި، ގަވާއިދުން ކަސްރަތުކުރުމާއި، ބަރުދަން ބެލެހެއްޓުމާއި، ސްޓްރެސް މެނޭޖްކުރުމާއި، ޑޮކްޓަރުގެ ލަފާގެ މަތިން ބޭސް ބޭނުންކުރުން ހިމެނެއެވެ. އަދި ވިހެއުމަށްފަހު ފޮލޯއަޕް ޓެސްޓުތައް ހެދުމާއި، ދިގު މުއްދަތަކަށް ޞިއްޙީ ހާލަތު ބެލެހެއްޓުމަކީވެސް މުހިންމު ކަންކަމެވެ.
މީގެ އިތުރުން، ދަރިފުޅުގެ ދުޅަހެޔޮކަމަށް ސަމާލުވުމާއި، ޖީޑީއެމް އާ ބެހޭ ގޮތުން އިތުރަށް ދެނެގަތުމާއި، ޢާއިލާއާއި ރައްޓެހިންނަށް މި ބަލީގެ މުހިންމުކަން އޮޅުންފިލުވައިދިނުމަކީވެސް ވަރަށް މުހިންމު ކަންކަމެވެ. ޖީޑީއެމް އަކީ ސީރިއަސް ނަމަވެސް ބަލަހައްޓައިގެން ކޮންޓްރޯލް ކުރެވިދާނެ ބައްޔެކެވެ. ރަނގަޅު ފަރުވާއާއި ބެލެހެއްޓުމުގެ ސަބަބުން، މަންމައާއި ދަރިފުޅުގެ ޞިއްޙަތު ރައްކާތެރިކޮށް، ދުޅަހެޔޮ މާބަނޑުކަމަކާއި ވިހެއުމަކަށް މަގުފަހިކުރެވިދާނެއެވެެއެވެ.
.


