އިންޑިއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް (އެފްޓީ) ގާއިމުކުރުމުގެ މަޝްވަރާތައް ފަށަން ނިންމައިފިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ބޮޑުވަޒީރު ނަރެންދްރަ މޯދީއާއެކު މިއަދު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު، ދެ ބޭފުޅުން ގުޅިގެން މީޑިއާތަކަށް ދެއްވި ބަޔާނުގައި މޯދީ ވިދާޅުވީ ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މަޝްވަރާތައް ކުރިއަށް ގެންދެވުނު ކަމަށެވެ.
އެގޮތުން އިގުތިސާދީ ގުޅުން ހަރުދަނާކުރުމަށްޓަކައި ދެ ގައުމުގެ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ މަޝްވަރާތައް ފަށަން މިއަދު ނިންމެވިކަމަށް މޯދީ ވިދާޅުވިއެވެ. އަދި ދެ ގައުމުގެ ދެމެދު ވިޔަފާރީގެ މުއާމަލާތްތައް ލޯކަލް ކަރަންސީއިން ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް ވެސް މޯދީ ވިދާޅުވިއެވެ.
މީގެއިތުރުން މޯދީ ވަނީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވައި، ރާއްޖެއިން އެހީތެެރިކަމަށް ބޭނުންވި ކޮންމެ ދަނޑިވަޅެއްގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިންކަން ވެސް ފާހަގަކުރައްވާފައެވެ.
މޯދީގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ތަރައްގީއަށް ހިންގާ މުހިންމު މަޝްރޫއުތަކަށް އިންޑިއާއިން އަބަދުވެސް އެހީތެރިވާނެކަން ވެސް ފާހަގަކުރައްވާފައެވެ.

