ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އިންޑިއާގެ ނައިބު ރައީސް ޖަގްދީޕް ދަންކަރް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ރައީސް ޑރ. މުޢިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިންނެވެ.
މިއަދު މެންދުރުފަހު ބޭއްވެވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުވުމުގައި ރައީސްގެ އަރިހުގައި އިންޑިއާއަށް ވަޑައިގެންނެވި ކެބިނެޓުގެ ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޑރ. މުޢިއްޒު މި މަހުގެ 6 އިން 10 އަށް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިހާރު ވަނީ އިންޑިއާގެ ރައީސްއާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި، އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރާ ވެސް ބައްދަލުކުރައްވާފައެވެ.

