ލުބުނާނުން އިޒްރޭލަށް 135 އަށްވުރެ ގިނަ ހަމަލާ މިއަދު އެކަނި ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޔަހޫދީ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހަމަލާތައް ފޮނުވާފައިވަނީ ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުالله ޖަމާއަތުންނެވެ. ނަމަވެސް މި ހަމަލާތަކުގައި ލިބުނު ގެއްލުމެއް ޔަހޫދީ އަސްކަރިއްޔާއިން ހާމަކޮށްފައިނުވެއެވެ.
ޔަހޫދީން ގެންދަނީ ހިޒްބުالله ނައްތާލުމަށް ކަމަށް ބުނެ ލުބުނާނަށް ވައިގެ މަގުންނާއި އެއްގަމު މަގުން އަރައި ހަމަލާދެމުންނެވެ. އަދި ހިޒްބުالله އެއްކޮށް ނައްތާލާނެ ކަމަށްވެސް ޔަހޫދީ އިޒްރޭލުން ވަނީ ބުނެފައެެވެ.
ލުބުނާނުގެ ސިއްހަތާ ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ޔަހޫދީން ދިން ހަމަލާތަކުގައި މިހާތަނަށް 2,083 މީހުން ޝަހީދުވެ، 9,869 މީހުން ޒަޚަމްވެފައިވެއެވެ.

