މި ސަރުކާރުގެ މައިގަނޑު މަގްސަދަކީ އެކި ދާއިރާތަކުން އިންވެސްޓްކޮށްގެން ރާއްޖެއަށް ބަދަލު ގެނައުން ކަމަށާއި، އެކަން ކުރުމަށް އިންޑިއާގެ އިންވެސްޓަރުންނަށް ދައުވަތު އަރުވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ބޭއްވުނު ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެތައް ގޮތަކުން އިންޑިއާއިން ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ ތެރޭގައި އިންފްރާސްޓްރަކްޗަރ، ސިއްޙީ ދާއިރާ، ޓެލެކޮމިއުނިކޭޝަން، ތަޢުލީމީ ދާއިރާ އަދި މީހުން ބިނާކުރުން ހިމެނޭކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
“އެކުގައި އަޅުގަނޑުމެންނަށް ވަނީ ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއާއި ވިޔަފާރީގެ ރޮނގުން ކުރިއެރުންތަކެއް ފެނިފައި،” ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ޕްރައިވެޓް އިންވެސްޓްމަންޓްގެ ދައުރު ވަރަށް މުހިންމު ކަމަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އިޤްތިޞާދީ ދުވެލި ހަލުވިކުރުމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށާއި، ރއި، ރެޒިލިއަންސް އިތުރުކޮށް، ދެމެހެއްޓެނިވި ތަރައްޤީ ކުރިއެރުވުމުގައި ޕްރައިވެޓް ސެކްޓަރގެ ހަރަކާތްތެރި ބައިވެރިވުން ވަރަށް މުހިންމު ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތީ ތަރައްޤީގެ އެޖެންޑާއަކާއެކު ރާއްޖޭގެ އިޤްތިޞާދު ބަދަލުކޮށްލުމަށް ކަމަށެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކުރުމާއި، އިޤްތިޞާދު ސިންދަފާތު ކުރުމަށް އިތުރު ދާއިރާތަކުން އާމްދަނީ ވަންނާނެ ގޮތްތައް ހޯދަން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. މީގެ ތެރޭގައި ފައިނޭންޝަލް ސަރވިސަސް، މެރިޓައިމް އަދި ޑިޖިޓަލް އިކޮނޮމީ ދާއިރާ ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދުގައި ހުރި ފުރުސަތުތައް ހޯދައި އޭގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް، އެންމެންނަށް ދަޢުވަތު އަރުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ބަދަލު ގެނެސްފައިވާކަން ހާމަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، އިންޑިއާއިން އިތުރު ފަތުރުވެރިން ގެނެސް، ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަ ކުރަން ބޭނުންވާ ކަމަށެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އިންޑިއާގެ އެހީތެރިކަން މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން ލިބިފައިވާ ކުރިއެރުންތަކަށް ޝުކުރުވެރިވެ ވަޑައިގަތެވެ.
ރައީސްގެ މި ވާހަކަފުޅުން އެނގިގެންދަނީ ރާއްޖޭގެ އިޤްތިޞާދު އިތުރަށް ފުޅާކޮށް، އާ ދާއިރާތަކުން އާމްދަނީ ހޯދުމަށް ސަރުކާރުން ގެންގުޅުއްވާ ވިސްނުމެވެ. އަދި މިކަމުގައި އިންޑިއާގެ އިންވެސްޓަރުންގެ ދައުރު މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

