މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިންތިޒާމުކޮށްގެން ބޭއްވި މޯލްޑިވްސް ސްޓްރެޓެޖިކް ޓްރޭޑް މެނޭޖްމަންޓް ފޯރަމްގެ ފުރަތަމަ ޖަލްސާ އިއްޔެ ފަށައިއެވެ. އެ ފޯރަމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނިޒާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެ ފޯރަމަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ އެކްސްޕޯޓް ކޮންޓްރޯލް އެންޑް ބޯޑަރ ސެކިއުރިޓީ (އީ.އެކްސް.ބީ.އެސް) ޕްރޮގްރާމްގެ އެހީތެރިކަމާއެކު ބޭއްވޭ ފޯރަމެކެވެ. މި ފޯރަމްގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ސްޓްރެޓެޖިކް ވިޔަފާރި މެނޭޖްމަންޓް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް ވިޔަފާރި ބެލެހެއްޓުމުގެ ނިޒާމު ހަރުދަނާކުރުމެވެ. މި ފަދަ ފޯރަމްތަކުން ދިވެހިރާއްޖޭގެ ވިޔަފާރީގެ ދާއިރާ ތަރައްޤީވެ، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖޭގެ މަޤާމު އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ.
އެ ފޯރަމްގައި ސަރުކާރުގެ އެކި އިދާރާތަކުގެ އިސްވެރިންނާއި، އަމިއްލަ ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ފޯރަމް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ.

