ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސް އެންޑް ސައިބަރ ސެކިއުރިޓީ އެވެއަރނެސް ސިމްޕޯޒިއަމް ފަށައިފިއެވެ.
މިއީ އެންސީއައިޓީން މި މުހިންމު ޤައުމީ މަސައްކަތް ވިދިވިދިގެން ކުރިއަށް ގެންދާ ތިންވަނަ އަހަރެވެ. މިއަދުން ފެށިގެން މިމަހުގެ 21ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ހަރަކާތުގައި އެކި ދާއިރާތަކުގެ ސައިބަރ ސެކިއުރިޓީއާ ގުޅޭ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވަނީ ޤައުމީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ޓެކްނޮލޮޖީގެ ދައުރަކީ މުހިންމު ދައުރެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ހަރަކާތަކީ އަލަށް އުފައްދާފައިވާ ނެޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ (އެން.ސީ.އެސް.އޭ)އާ ތަޢާރަފުވުމުގެ ފުރުޞަތެއް ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ޤައުމެއްގެ ހައިސިއްޔަތުން، އަޅުގަނޑުމެންނަށް އާދެވިފައިމިތިބީ ކްރިޓިކަލް ނިންމުންތައް ނިންމައި، މުހިންމު ކަންކަމަށް އަޒުމް ކަނޑައެޅުމަށް. އާޓިފިޝަލް އިންޓެލިޖެންސް އެންޑް ސައިބަރ ސެކިއުރިޓީގައި މި ކަންކަން ކުރުމުން އަޅުގަނޑުމެންނަށް ރަނގަޅު މުސްތަޤްބަލެއް ހޯދައިދެވޭނެ. އާންމު ދިރިއުޅުން ބަރޯސާވެފައި މިތިބީ ޓެކްނޮލޮޖީއަށް. ދިރިއުޅުމުގެ ކޮންމެ ކަމެއްގައިވެސް ޓެކްނޮލޮޖީގެ ބޭނުން ހިފަންޖެހޭ. އެއީ ގޭތެރޭގެ ބޭނުންތަކާއި، ސްކޫލްތަކާއި، އޮފީސްތަކާއި، މުވާސަލާތީ ދާއިރާއަށް ބެލިނަމަވެސް މިދެންނެވި ގޮތަށް ޓެކްނޮލޮޖީގެ ބޭނުން ހިފަންޖެހޭ. ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު
މީގެ އިތުރުން ޑރ. ކިނާނަތު ވަނީ ސައިބަރ ސެކިއުރިޓީގައި އޭއައިގެ ބަދަލުވަމުންދާ ދައުރާއި، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.
އަދި ދުނިޔޭގެ އާބާދީގެ ތިންބައިކުޅަ އެއްބަޔަކީ އިންޓަރނެޓްގެ ޚިދުމަތާ ނުލައި ދިރިއުޅެމުންދާ މީހުންކަމަށާ، އެކަމުގެ ސަބަބުން ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަރައްޤީ އާއި ޢަދުލުއިންސާފަށް ހުރަސް އެޅޭކަމުގައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ސްޓޭޓް ވަނީ އިޤްތިޞާދު ސިންދަފާތުކުރުމަށްޓަކައި ބޭނުންވާ ޑިޖިޓަލް ހުނަރު އާލާކޮށް ތާޒާކުރުމުގެ ދާއިރާ އިތުރަށް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި އަހަރުގެ ސިމްޕޯޒިއަމް އަމާޒުކޮށްފައިވަނީ ސަރުކާރުގެ އިސް ފަރާތްތަކާއި، ކުންފުނިތަކުގެ ވެރިންނާއި، އައިޓީ ޕްރޮފެޝަނަލުންނާއި، ތަޢުލީމީ ދާއިރާގެ ފަރާތްތަކާއި، އަދި ޢާންމު ރައްޔިތުންނަށެވެ.
އެންސީއައިޓީ މި ޙަރަކާތުގެ މައިގަނޑު އިންތިޒާމުކުރާ ފަރާތުގެ ގޮތުގައި ތިންވަނަ އަހަރު ނިންމާލާއިރު، 2025ގައި ނެޝަނަލް ސައިބަރ ސެކިއުރިޓީ އޭޖެންސީ (އެންސީއެސްއޭ)އަށް މި ޒިންމާ ޙަވާލުކުރެވޭނެކަމީ ވަރަށް ބޮޑު އުންމީދާއެކު ބަލައިގަނެވޭ ކަމެއްގެ ގޮތުގައި އެންސީއައިޓީން ދެކެއެވެ. އެންސީއެސްއޭ އިން ސައިބަރ ސެކިއުރިޓީގެ މަސައްކަތްތައް އައު ހަރުފަތަކަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ޤައުމަށް ވަރުގަދަ އަދި މުސްތަޤްބަލަށް ފެތޭ ޑިޖިޓަލް މާޙައުލެއް އުފެއްދުމަށް އަމާޒުކޮށްގެން އިތުރު ހަރަކާތްތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

