މާލޭ މަގުމަތީގައި ހުރި ކުނިތައް ނަގައި މަގުތައް ސާފުކުރުމަށްފަހު މިއަދު ސިޓީ ކައުންސިލުން އެކުނި ގެންގޮސް ވެމްކޯގެ އޮފީސް ދޮރުމައްޗަށް އަޅާލައިފިއެވެ.
މާލެ ސިޓީ ކައުންސިލްގެ ލޮރީއަކަށް ކުނި ބަރުކޮށްގެން ގެންގޮސް ވެމްކޯ ކުރިމައްޗަށް އޮއްސާލާފައި އެލޮރީ ދާ މަންޒަރު ފެންނަ ވީޑިޔޯއެއް މީސްމީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
ރަޖިސްޓްރީކޮށްފައި ހުންނަ ގެތަކުންވެސް ވެމްކޯ މުވައްޒަފުން ކުނި ނުނަގާކަމުގެ ޝަކުވާ މާލެ ސިޓީ ކައުންސިލަށް ލިބެމުންދާކަމަށް އެކައުންސިލުންވަނީ ހާމަކޮށްފައެވެ. ކުނިތައް ނެރެފައި ހުންނައިރުވެސް ވެމްކޯއިން އެކުނި ނުނަގާކަމަށް ބައެއް މީހުންދަނީ ބުނަމުންނެވެ.
މިގޮތަށް ކުނި ނުނަގާ މަގުމަތީގައި ހުރުމުގެ ސަބަބުން މަގުމަތީގައި ކުނިވަސްދުވާތީ ސިޓީ ކައުންސިލުން ވަނީ މިއަދު ހެދުނު ނުކުމެ އެކުނިތައް ނަގާ މަގުތައް ސާފުކޮށްފައެވެ.
ވެމްކޯއިން ކުނި ނުނަގާ މައްސަލައާއި ގުޅިގެން މާލެ ސިޓީގެ މޭޔަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ ވެމްކޯއިން ރައްޔިތުންނަށާއި ސިޓީ ކައުންސިލަށް ޖެއްސުން ކުރަން ފުރުސަތު ނުދޭނެ ކަމަށާއި އެގޮތަށް އެކަންތައް ކުރާނަމަ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ފަސްނުޖެހޭނެ ކަމަށެވެ.
މިމައްސަލައިގައި ސިޓީ ކައުންސިލުން އަދި ވެމްކޯއިންވެސް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިބައްދަލުވުން މާލެ ސިޓީ ކައުންސިލުގެ ފޭސްބުކްޕޭޖް އަދި ޔޫޓިއުބްއިން ލައިވްކުރެވޭނެއެވެ.

