ރާއްޖޭގައި ހުރި ބައެއް އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑުއުފުލި މައްސަލާގައި ހައްޔަރުކުރި އައިޝަތު ޝާދިޔާ ތިން ދުވަހަށް ބަންދުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު، ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވެ އަޑުގަދަކުރާ ބޭނުންކޮށްގެން ހަޅޭއްލަވައި ވަކި ސަފީރަކަށް އުނދަގޫކުރުމުގެ އަމަލުތައް ހިންގަމުންދާ ކަމަށް ބުނެ މ. ބަޑިކުޅިމާގެ/ އާއިޝަތު ޝާދިޔާ (47އ) އާއި ގދ. ރަތަފަންދޫ/ ލިލީގެ، ޑރ. ޝަދުރާ އިބްރާހިމް (36) ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށްފަހު، އެމްބަސީތައް ކައިރިއަށް އެއްނުވާން ޝަރުތުކޮށް ދޫކޮށްލާފައިވެއެވެ.
މި މައްސަލައިގައި ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ ގާނޫނާ ހިލާފަށްކަމަށްބުނެ، ދީނީ އިލްމުވެރިޔާ ޑރ. އިޔާޒްގެ އަނބިކަނބަލުން ޝާދިޔާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ، ޝާދިޔާ ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ކަމަށް ބުނެފައިވީ ނަމަވެސް، އޭނާގެ ފަރާތުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ނިންމި ގޮތެއް ކްރިމިނަލް ކޯޓުގެ ނިންމުމުން ސާފުނުވާ ކަމަށެވެ. އަދި ޝާދިޔާގެ މައްޗަށް ތުހުމަތެއް ކުރެވޭ މިންވަރެއްގެ ހެކި ހުއްޓަސް، އޭނާ ބަންދު ކުރަން ޖެހޭ ހާލަތެއް އޮތް ކަމަށް ކޯޓުން ނިންމީ ގާނޫނާ ހިލާފަށް ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވެއެވެ.
މި މައްސަލަ ބެލި ފަނޑިޔާރު ހުޒައިފާ މުހައްމުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ހިމެނޭ ބެންޗުގެ އިއްތިފާގުން، ޝާދިޔާ ބަންދުކުރަން ކުރިމިނަލް ކޯޓުން ކުރި އަމުރު ބާތިލުކަމަށް ހުކުމް ކުރެއްވިއެވެ.

