ހުވަދު އަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާއިން "ގދ އަތޮޅު ވޮލީބޯލް ޓޯނަމެންޓް- ފޭސް ފިޔޯރީ 2024" ގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މި މުބާރާތް އިންތިޒާމުކޮށް ހިންގާނީ ކުރީ އަހަރުތަކެކޭ އެއްފަދައިން، މި މުބާރާތް ހިންގަމުން އަންނަ ޖަމްޢިއްޔާ ކަމަށްވާ ފިޔޯރީ އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެމްޕަވަރމެންޓް (ފޭސް) އިންނެވެ.
މި މުބާރާތުގައި ފިރިހެނުންނާއި އަންހެނުންގެ ޑިވިޜަން ހިމެނޭއިރު، ކޮންމެ ޑިވިޜަނެއްގެ ޗެމްޕިއަންކަން ހޯދާ ޓީމަށް 50,000 ރުފިޔާގެ ފައިސާގެ އިނާމު ލިބޭނެއެވެ. އަދި ރަނަރަޕް ޓީމަށް 25,000 ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވެއެވެ.

ގދ އަތޮޅު ވޮލީބޯލް ޓޯނަމެންޓް- ފޭސް ފިޔޯރީ 2024 ޓޯނަމެންޓުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ…….ފޮޓޯ: ގދ ކައުންސިލް ޕޯސްޓަކުން
މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު ވަނީ ރަޖިސްޓްރޭޝަނަށް ހުޅުވާލާފައެވެ. ރަޖިސްޓްރޭޝަންގެ ސުންގަޑިއަކީ 17 އޮކްޓޯބަރ 2024 ކަމަށް ވާއިރު، ޓީމު ހުށަހެޅުމުގެ ސުންގަޑިއަކީ 05 ނޮވެމްބަރ 2024 އެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ގދ. އަތޮޅުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް، ކުޅިވަރުގެ މައިދާނުގައި ޒުވާނުންގެ މެދުގައި ވާދަވެރިކަން އުފައްދައި، ގދ. އަތޮޅުގެ ވޮލީ ކުޅުންތެރިން އުފެއްދުމެވެ.
މުބާރާތުގައި ކުޅޭނީ 5 ސެޓަށް ކަމަށްވާއިރު، މެޗުތައް ކުޅޭނީ ފިޔޯރީގައެވެ. މުބާރާތުގައި ޢަމަލުކުރެވޭނީ އެފް.އައި.ވީ.ބީ އިން ޢަމަލުކުރުމަށް ނެރޭ އޮފިޝަލް ވޮލީ ބޯލް ރޫލްސް ގަވާއިދަށެވެ.

