ބޮލީވުޑްގެ މަޝްހޫރު ތަރި ޝިލްޕާ ޝެޓީ ވަނީ ރާއްޖެއަކީ ދުނިޔޭގެ އެހެނިހެން ހާސްކަމާއި ކަންބބޮޑުވުންތަކުން ސަލާމަތްވެ، އަމާންކަމާއެކު އަމިއްލަ ވަގުތު ހޭދަކުރެވޭ ތަނެއްކަމަށް ބުނެފައެވެ.
ޝިލްޕާޝެޓީ މިހެން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން އިންޑިޔާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު މުމްބާއީގައި ހުންނަ ތާޖު މަހަލް ޕެލަސްގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކުރުމުގެ ޚާއްޞަ އިވެންޓުގައެވެ.
މި އިވެންޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޝިލްޕާ ޝެޓީގެ އިތުރުން ސޮނާކްޝީ ސިންހާ، ޒަހީރު އިގްބާލް، ސަނީ ކައުޝަލް، ކަރިޝްމާ ކަޕޫރް އަދި އަރްބާޒް ހާން ފަދަ ބޮލީވުޑްގެ މަޝްހޫރު ތަރިންނާ ބައްދަލުކުރައްވާފައެވެ. މި ތަރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކުރިން ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ ޒިޔާރަތްކޮށްފައެވެ.
މި އިވެންޓުގައި ނޫސްވެރިންގެ ސުވާލަކަށް ޖަވާބުދެމުން ޝިލްޕާ ވަނީ ރާއްޖެއާމެދު އޭނާގެ ހިތުގައި އޮތް ލޯތްބާއި ތަޢުރީފު ފާޅުކޮށްފައެވެ. “އަބަދުވެސް ވަރަށް ކަމުދާ ލޯބިވާ ގައުމެއް ރާއްޖެއަކީ، ރާއްޖެ އެންމެ ކަމުދަނީ ސަބަބުތަކެއްވެސް އޮތުމުން، ރާއްޖެއަށް އައުމުން ދުނިޔޭގެ އެހެން ހުރިހާ ހާސްކަމަކާއި އުނދަގުލަކުން އެއްކިބާވެ، މުޅިން އަމާން އޮމާން ރައްކާތެރި މާޙައުލެއްގައި އުޅެވޭތީ، ޕްރައިވަސީގައި އަމިއްލަ ދުނިޔެއެއްގައި އުޅުމުގެ ފުރުސަތު ލިބޭތީ، އެއީ ރާއްޖެ އެންމެ ކަމުދާ އަދި ރާއްޖެ ދެކެ އެންމެ ގަޔާވާ ކަމަކީ،” ޝިލްޕާ ބުންޏެވެ.
ޝިލްޕާ އިތުރަށް ބުނި ގޮތުގައި ރާއްޖޭގެ މޫސުމާއި ކާނާގެ ރަހަ އަދި މެހެމާންދާރީގެ ފެންވަރު ވަރަށް މަތިވެރިއެވެ. އަދި މިދިޔަ އަހަރު ފިޔަވައި ރާއްޖެ ނާންނަ އަހަރެއް އޭނާގެ ހަނދާނުގައި ނެތް ކަމަށްވެސް ޝިލްޕާ ބުންޏެވެ.
މީގެއިތުރުން، ރާއްޖެއާއި އިންޑިޔާއާ ދެމެދުގެ ސަގާފީ ގުޅުން ވަރުގަދަވަމުންދާތީ އުފާކުރާ ކަމަށާއި، މިހާރު ދަތުރުވެރިންނަށް ރާއްޖޭގައި ރަނގަޅު ޗުއްޓީއެއް ހޭދަކުރެވޭނެ ކަމަށް ޝިލްޕާ ވަނީ ފާހަގަކޮށްފައެވެ.
ރައީސް މުޢިއްޒުގެ ދެކަނބަލުން ވަނީ މި ހުރިހާ ތަރިންނާވެސް ވަކިވަކިން ބައްދަލުކުރައްވައި، ރާއްޖެ ޒިޔާރަތްކޮށް، ރާއްޖޭގައި ފިލްމު ޝޫޓުކޮށް، ޕްރޮމޯޓްކޮށްދިނުމަށް އެދިވަޑައިގެންފައެވެ. އަދި މި ތަރިންނާއެކު ރައީސް ވަނީ ފޮޓޯ ވެސް ނަންގަވާފައެވެ.
މި އިވެންޓަކީ ރާއްޖޭގެ ފަތުރުވެރިކަން އިންޑިޔާގެ ބާޒާރުގައި އިތުރަށް ޕްރޮމޯޓްކޮށް، ދެ ޤައުމުގެ ދެމެދުގައި އޮތް ގގުޅުން އިތުރަށް ބަދަހިކުރުމަށް ބޭއްވުނު މުހިންމު އިވެންޓެއްކަން ފާހަގަކުރެވެއެވެ. މީގެ ކުރިން ވެސް މި ތަރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ ޗުއްޓީ ހޭދަކުރުުމަށް ރާއްޖެ ޒިޔާރަތްކޮށްފައެވެ.

