ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިރޭ މޫސުން ވަރަށް ގޯސްވާނެކަމަށް ލަފާކުރެވޭތީ، ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން އިލްތިމާސްކޮށްފިއެވެ.
މެޓް އޮފީހުން މިރޭ ދިން މަޢުލޫމާތުގައިވާ ގޮތުން، ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކާ ހަމައަށް މިރޭ ބޯކޮށް ވާރޭވެހި، ގުގުރައި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާާރުމިނުގައި ވައިޖެހުމުގެ ފުރުޞަތު އޮތްކަމަށް ލަފާކުރެވެއެވެ. މިކަމާ ގުޅިގެން މެޓް އޮފީހުން ވަނީ ރާއްޖޭގެ ދެކުނަށް މިރޭ 20:45 އިން ފެށިގެން ދަންވަރު 01:30 އާ ހަމައަށް ވައިޓް އެލާޓެއް ނެރެފައެވެ.
މީގެ އިތުރުން، މިރޭގެ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށްވެސް މެޓް އޮފީހުން ވަނީ އަންގާފައެވެ.
މިހާރު ހިނގަމުންދަނީ ހުޅަނގު މޫސުމުގެ ސާދަވަނަ ނަކަތްކަމަށާއި، މި ނަކަތުގައި ދޭތެރެދޭތެރެއިން ވިއްސާރަކުރާނެކަމަށް ނަކަތްތެރިން ލަފާކުރާކަމަށް މެޓް އޮފީހުން ބުނެފައިވެއެވެ. އަދި މިހަފްތާގެ ހުރިހާ ދުވަހެއްގައިވެސް މޫސުން ގޯސްވެދާނެކަމަށް ލަފާކުރެވޭކަމަށް އެ އޮފީހުން ވަނީ އަންގާފައެވެ.
މި ދުވަސްވަރު ކަނޑުތައް އާދަޔާ ޚިލާފަށް ގަދަވާނެކަމަށް ބެލެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

