ދުނިޔޭގެ ޙަޔާތަކީ މަދު ދުވަސްކޮޅެކެވެ. ލޯ މަރައިލާފައި ހުޅުވައިލާހައި އަވަހަށް ވަގުތުތައް ފާއިތުވެގެން ދެއެވެ. ދުނިޔެއަށް އިންސާނާ ފޮނުވުނު މަޤުޞަދު ހަނދާންނެތި، ހެއްދެވި ފަރާތާ ބައްދަލުވާ ދުވަސް އޮތީ ވަރަށް ދުރުގައި ކަމަށް އަހަރުމެންނަށް ހީވެއެވެ. އެހެންކަމުން ދުނިޔޭގެ ކަންކަމަށް ޣަރަޤުވެ، އާޚިރަތަށް ކުރަންވާ މަސައްކަތް ނުކުރެވި، ދުވަސްތައް ފާއިތުވެގެން ދަނީ ހަމައެކަނި އުއްމީދުތަކެއް ކުރުމުގައެވެ. ހަމަ ޔަގީނުން ވެސް އެއީ ބުއްދިވެރިންގެ މަގެއް ނޫނެވެ.
ޝައްދާދު ބިން އައުސްގެ އަރިހުން ރިވާވެގެން ވެއެވެ. ނަބިއްޔާ صَلَّىٰ اللّٰهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. “ބުއްދިވެރިއަކީ، ތިމާގެ އަމިއްލަ ނަފުސުގެ ލަގަން ހިފަހައްޓައި މަތަކޮށް، މަރުވުމަށް ފަހު އަންނަން އޮތް ދުވަހަށް ޓަކައި ހެޔޮ ޢަމަލުކުރާ މީހާއެވެ. އަދި ނުކުޅެދުންތެރިއަކީ، ތިމާގެ އަމިއްލަ ނަފުސުގެ ލަގަން ހިތްއެދޭހާ ގޮތަކަށް ދޫކޮށްލައިގެން ހުރެ، ﷲ ގެ ޙަޟްރަތުން އުއްމީދުތައް ކުރާ މީހާއެވެ.“ [رواه الترمذي وحسنه 2459]
ަ އްތިރްމިޛީ މި ޙަދީޘް ގެންނެވީ، ޤިޔާމަތް-ދުވަހުގެ ސިފަތަކާއި، ހިތް މަޑުމޮޅިކުރުމާއި، ވަރާވެރިކަން ޒިކުރުކުރެވުނު ފޮތުގައެވެ. އަދި ވިދާޅުވީ މިއީ ހަސަނު ދަރަޖައިގެ ޙަދީޘްފުޅެއް ކަމުގައެވެ. “ތިމާގެ އަމިއްލަ ނަފުސުގެ ލަގަން ހިފަހައްޓައި މަތަކުރުން” މި ބަހުގެ މާނައަކީ، ޤިޔާމަތްދުވަހު އެ ނަފުސު ހިސާބުކުރެވުމުގެ ކުރިން، ދުނިޔޭގައި އޭނާގެ އަމިއްލަ ނަފުސު ހިސާބުކުރުމެވެ. ޢުމަރު ބިން އަލްޚައްޠާބު رضي الله عنه ގެ އަރިހުން ރިވާވެގެން ވިއެވެ. “ތިޔަބައިމީހުން ހިސާބުކުރެވުމުގެ ކުރިން، އަމިއްލަ ނަފުސުތައް ހިސާބުކުރާށެވެ. އަދި އެންމެ ބޮޑުވެގެންވާ ހުށަހެޅުމަށް (އެބަހީ: ޤިޔާމަތްދުވަހަށް) ތިޔަބައިމީހުން ތައްޔާރުވާށެވެ. އެހެނީ ޤިޔާމަތްދުވަހު ހިސާބު ބެލުން ލުއިވާނީ ދުނިޔޭގައި އެ މީހެއްގެ އަމިއްލަ ނަފުސު ހިސާބުކުރި މީހަކަށް އެކަންޏެވެ.” މައިމޫން ބިން މިހްރާންގެ އަރިހުން ރިވާވެގެން ވެއެވެ. “އެ މީހެއްގެ ވިޔަފާރީގެ ބައިވެރިޔާ، ކާ އެއްޗިއްސާއި ލާ އެއްޗެތި ހޯދީ ކޮންތާކުންތޯ އެ މީހަކު ބަލާ ފަދައިން، އޭނާގެ އަމިއްލަ ނަފުސު ހިސާބު ކުރަންދެން އެ މީހާ ތަޤުވާވެރިއަކު ކަމުގައި ނުވާހުއްޓެވެ.”
އިސްވެ ދެންނެވުނު ޙަދީޘް ޒިކުރުކުރައްވަމުން އިބްނުލް ޤައްޔިމު އަލްޖައުޒިއްޔާ رحمه الله ވިދާޅުވިއެވެ. “އަދި މީހަކު ޙައްޤު ގޮތުގައި ފުން ވިސްނުމަކުން ވިސްނާ ފިކުރުކޮށްފި ނަމަ، އޭނާއަށް އެނގޭނީ، ﷲ އާ މެދު ހެޔޮކޮށް ހީކުރުމީ ހެޔޮކޮށް އަމަލުކުރުން ކަމެވެ. ފަހެ އޭނާގެ ހީކުރުންތައް ހެޔޮކުރާ މިންވަރަކުން އޭނާގެ ޢަމަލުތައް ވެސް ރަނގަޅުވެގެން އާދެއެވެ. ނަމަވެސް ހަވާނަފުސަށް ތަބާވާ ޙާލު ހީކުރުން ރަނގަޅުކުރަން އުޅުމީ (އޭނާއަށް) ކުޅަދާނަވާނޭ ކަމެއް ނޫނެވެ.” [الداء والدواء 27]
ޙަޤީޤީ ބުއްދިވެރީންނަކީ، ހެޔޮ ކަންކަން ކުރުމަށް ލިބޭ ފުރުޞަތުތަކުގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ މީހުންނެވެ. الله ރުހިވޮޑިގަންނަވާ ކަންކަމުގައި ނޫނީ ވަގުތު ހޭދަ ނުކުރާ މީހުންނެވެ. ކަންނެތްކަމާއި، ފަރުވާކުޑަކަމާއި، މަސައްކަތްނުކޮށް އުއްމީދުކުރުން ދޫކޮށްލާ މީހުންނެވެ. އެހެނީ އެފަދަ ކަންކަމަކީ އެއްވެސް ފައިދާއެއް ނުވާނޭ ކަންކަމެވެ. ޢުބައިދު ބިން ޢުމައިރު އައްލައިޘީ ވިދާޅުވެފައި ވެއެވެ. “އީމާންކަން ވަނީ އުއްމީދުކުރުމަކުން ނޫނެވެ. އެހެނަސް އީމާންކަމަކީ، ވިސްނައިގަނެވޭ ބަހާއި، ކުރެވޭ ޢަމަލެވެ.” [السنة لعبد الله بن أحمد 639] އެހެންކަމުން އަހަރުމެންގެ މައްޗަށް އޮތީ، ﷲ އާ ބައްދަލުވާނެ ދުވަހަށް، ވީ އެންމެ ރަނގަޅަށް ތައްޔާރުވުމެވެ. ލިބޭ ކޮންމެ ފުރުޞަތެއްގައި އެއިލާހާ ކުއްތަންވާން މަސައްކަތްކުރުމެވެ. އެއީ އެއިލާހު އަމުރުކުރެއްވި ކަންކަން އަދާކޮށް، ނަހީކުރެއްވި ކަންކަމުން ދުރުވެގަތުމެވެ.
މައުލޫމާތު: الشَيْخ مُحَمَّد أَشْرَاف إِبْرَاهِيْم ދީނުގެމަގު

